މާފުށީ ޖަލު ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ވިދާޅުވީ، މާފުށީ ޖަލު ސާފުކުރުމުގެ ޙަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މިމަސައްކަތަކީ އެފެސިލިޓީގައި ތިބި ހުރިހާ އެންމެންގެވެސް ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ކުރެވުނު މަސައްކަތެއްކަމަށާއި، އަޒުމަކީ އެފެސިލިޓީގައި ތިބި އެންމެންނަށްވެސް ސިއްޙީ ކަށަވަރުކަން ފޯރުކޮށްދިނުންކަމަށްވާއިރު އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
Today’s cleaning and disinfection activity conducted by #MaafushiPrison. Our aim is to take whatever steps necessary to ensure everyone’s health and safety in our facilities. #covid19 pic.twitter.com/XrK5mSE9TR
— Ahmed Mohamed (@ahumadhumohamed) March 14, 2020
މާފުށި ޖަލުގައި މިފަދަ ޙަރަކާތެއް ކުރިއަށް ގެންގޮސްފައިމިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެއިން ފެނިފައިވަނިކޮށެވެ.
ކަރެކްޝަންސްއިން ވިދާޅުވީ، ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ދަށުން ރާއްޖޭގެ މައި ޖަލު މާފުށީ ޖަލު މިއަދުން ޑިސްއިންފެކްޓް ކުރަން ފަށާފައިވާކަމަށެވެ. މީގެއިތުރުން ކޮރޯނާވައިރަހަށް ގައިދީން ހޭލުންތެރިކުރުމުގެ ގޮތުން، މައުލޫމާތު ވެސް ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށްވެސް ކަރެކްޝަންސްއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިންވެސް ކޮވިޑް-19 ފެނިފައިވާއިރު، މިވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ސްކޫލްގެ ކިޔެވުން އެއްހަފްތާއަށް ބަންދުކޮށްފައިވާއިރު، ރާއްޖޭގައި ހިންގާ ޔުނިވާރސިޓީތަކާއި ކޮލެޓްތަކާއި ތަމްރީންދޭ މަރުކަޒުތައް ދެ ހަފްތާއަށް ބަންދުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކުން އެހެން ރަށްރަށަށް ދަތުރުކުރުން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް ސަރުކާރުންވަނީ އަންގާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެއާއި، ހުޅުމާލެއާއި، ވިލިމާލެ ގެންސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓާލުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ނެރެފައިވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެވެ.
މިހާތަނަށް ރާއްޖޭގެ ފަސް ރިސޯޓަކުން ދިހަ މީހުންވަނީ ކޯވިޓް-19 އަށް މީހުން ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ކުރެއްދޫއިން 5 މީހުންނާއި ބަތަލާއިން ދެ މީހުންނާއި، ކުރަމަތިން ދެ މީހުންނާއި އަދި އަނަންތަރާ ދިގު ރިސޯޓުން އެކަކު ހިމެނެއެވެ.




