ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ މައްސަލައިގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފިއެވެ.
އެ ޝަރީއަތް ޝެޑިއުލްކޮށްފައި އޮތީ މާދަމާ މެންދުރު 1:00 އަށެވެ. މާދަމާގެ އަޑުއެހުމަކީ އިބްތިދާއީ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މަނީލޯންޑްރިންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބަހައްޓަން ނިންމި އެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އޭރު އަމުރު ކުރީ، ޝަރީއަތަށް ހުށަހެޅި މައްސަލައިގެ ހެކިންނަށް ރައީސް ޔާމީން ނުފޫޒު ފޯރުވައިފާނެ ކަމަށް ގަބޫލު ކުރެވޭތީ ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން އެގޮތަށް އެދިގެންނެވެ.
ނަމަވެސް ހައި ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަަނަ ދުވަހު ބަންދުން ދޫކޮށްލުމަށް ހުކުމް ކޮށްފަ އެވެ، އެގޮތުން ހުކުމުގައި ވަނީ މައްސަލާގައި ޕީޖީގެ ފަރާތުން މުއްދަތު އިތުރު ކުރަން އެދިފައިނުވާ ކަމަށާއި ބަންދުގައި ބެހެއްޓޭނެ 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެހެންވެ ރައީސް ޔާމީން އިތުރަށް ބަންދުގައި ބެހެއްޓެން ނެތުމުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނެރުއްވާފައިވާ އަމުރު ބާތިލްކުރީ ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކަމާއެކު ހުންނެވި ނަމަވެސް، ހަރަކާތްތެރިކޮށް ސިޔާސީ މަސައްކަތްޕުޅުތަކުގައި އުޅުއްވާތަނެއް ނުފެނެއެވެ.