ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ވިއްކާލަން އެކްލަބުން ތައްޔާރުވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގައި ނޭމާ ގަދަކަމުން ބަހައްޓަށް އެކްލަބުން ބޭނުމެއްނުވެއެވެ. އެގޮތުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެހެން ކްލަބަކަށް ދިއުމުގެ ފުރުޞަތު އޭނާއަށް ޕީއެސްޖީއިން ދޭނެއެވެ. ނޭމާގެ އަގެއްގޮތުގައި ޕީއެސްޖީއިން ކިޔަނޫ 150 މިލިއަން ޔޫރޯއެވެ. މިއީ ނޭމާގެ ވަކީލުން ހީކުރިވަރަށްވުރެ މާ ކުޑަ އަގެކެވެ.
އެހެންކަމުން ނޭމާ ހޯދުމުގެ މަސައްކަތް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާއިން އަނެއްކާވެސް ފަށާނެކަމަށް ބެލެވެއެވެ. މިދިޔަ ހޫނު މޫސުމުގައިވެސް ނޭމާ ގެންނަން ބާސެލޯނާއިން ވަރަށް މަސައްކަތްކޮށްފައިވާއިރު، ބާސެލޯނާގެ އެއްވެސް ހުށަހެޅުމެއް ޕީއެސްޖީއިންވަނީ ޤަބޫލުނުކޮށްފައެވެ. ނޭމާގެ އަގެއްކަމަށް މިދިޔަ ހޫނު މޫސުމުގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރ ލިއަނާޑޯ ބުނެފައިވަނީ 222 މިލިއަން ޔޫރޯކަމަށެވެ.
ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވީ ރެކޯޑު އަގެއްކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.




