ޚާއްސަ ހުއްދައެއްގެ ދަށުން މިދިޔަ ފެބްރުއަރީމަހު ބާސެލޯނާއާއި ގުޅުނު މާޓިން ބްރެއިތުވެޓް އެކްލަބުގައި ބަހައްޓަން ސްޕެނިޝް ލަލީގާއިން ނިންމައިފިއެވެ.
ބާސެލޯނާއިން ބްރެއިތުވެއިޓް ގެނެސްފައިވަނީ ސްޕެއިން ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތުން އަނިޔާގެ ސަބަބުން ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާ ކުޅުންތެރިއެއްގެ ބަދަލުގައި އެހެންކުޅުންތެރިއެއް ހޯދުމުގެ ހުއްދަ އެކްލަބަކަށް އޮންނާތީއެވެ. ނަމަވެސް ސްޕެއިނުގެ ފެޑެރޭޝަނުން މި ހުއްދަ ދޭނި ސްޕެއިނުގެ ކޮންމެވެސް ކްލަބަކުން ފޯވަރޑެއް ގެނެވޭގޮތަށެވެ.
ބާސެލޯނާގެ ފޯވާޑު އުމުރުން 22 އަހަރުގެ އޮސްމާން ޑެމްބެލޭގެ ފަލަމަސްގަނޑަށް އަނިޔާވެ ހަމަސްދުވަހަށް ކުޅުމާއި ދުރަން ދާންޖެހިފައިވާއިރު، ލުއިސް ސުއަރޭޒް ކުރި ކަކުލުގެ އޮޕަރޭޝަނާއެކު އޭނާއަށް މިސީޒަންގެ ބާކީބައި ނުކުޅެވޭނެއެވެ.
ފީފާއިންނާއި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ލަލީގާގެ މިޤަވާއިދަށް ބަދަލުގެންނަށް ހުށަހެޅިނަމަވެސް، މިޤަވާއިދަށް ގެންނަށް ފެނޭތޯ ބެލުމަށް ލަލީގާއިން ބޭއްވި ބައްދަލުވުމުގައި ވޯޓު ދީފައިވަނީ ލަލީގާގެ މިޤަވާއިދަށް ބަދަލު ނުގެންނަގޮތަށެވެ.
މިޤަވާޢިދުގެ މައްސަލަ ބޮޑުވެފައިވަނީ ލެގަނޭސް ދޫކޮށް ބާސެލޯނާއަށް ބްރެއިތުވެއިޓް ބަދަލުވެފައިވީނަމަވެސް އޭގެ ބަދަލުގައި ލެގަނޭސްއަށް އިތުރު ކުޅުންތެރިއަކު ގެނައުމުގެ ފުރުޞަތު މިޤަވާޢިދުގެ ދަށުން ދީފައިނުވާތީއެވެ. އޭގެކުރިންމަހު ލަގެނޭސްއަށް ކުޅެމުންއައި ޔޫސެފް ނަސީރު އެކްލަބު ދޫކޮށް ސެވިއްޔާއަށް ބަދަލުވެފައިވާއިރު، އެކްލަބުން އިތުރު ކުޅުންތެރިއަކު މަދުވުމަކީ ކްލަބަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.
އެއާއެކު ލެގަނޭސްގެ ކޯޗު ހާވިއާ އަގުއިރޭ ލަލީގާގެ ވަރަށް ފާޑުކިޔާފައިވާއިރު، މިކަމުގެ ސަބަބުން ކްލަބު ރެލިގޭޓުން ސަލާމަތްވުމަށް ބޮޑު ހުރަހެއް އެޅިގެންދާނެކަމަށް ހާވިއާވަނީ ބުނެފައެވެ. 27 މެޗުން ލިބުނު 23 ޕޮއިންޓާއެކު ލެގަނޭސް މިހާރުވެސް އޮތީ 19 ވަނަ ވަނާގައެވެ.



