ރީކޯ މޫސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މަޖިލިސް

ޕީޕީއެމް އާ ގުޅުނީ ސަރުކާރު ވައްޓާލިޔަ ނުދޭން - ރީކޯ މޫސަ

އެމްޑީޕީގެ ޗެއާޕާރސަން ކަމުގެ މަޤާމްވެސް ފުރުއްވާފައިވާ، އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ސަރުކާރު ވައްޓާލިޔަ ނުދޭން ކަމަށް މޫސަ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިއަދު ހެނދުނު މޫސާ މަނިކު ވިދާޅުވީ، ދައުރުގެ މެދުތެރެއިން ސަރުކާރު ވައްޓާލުމަކީ އެއްގޮތަކަށްވެސް މޫސަ ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ވެރިކަން ވައްޓާލުމުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމުގެ އިމޭޖް ގެއްލި، އިޤްތިޞާދީ އަޑިގަނޑަކަށް ޤައުމު ވެއްޓިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"7 ފެބުރުވަރީގެ ބަޣާވާތަށް ފަހު އަޅުގަނޑު ޤަބޫލުކުރާ ހަޤީގަތެއް ނޫން ސަރުކާރެއް ދައުރުގެ މެދުތެރެއިން ވެއްޓުމަކީ. އެއީ އެ ހުންނަ ޕާޓީއަކަށް ނުވަތަ އޮންނަ ސަރުކާރަކަށް ފޭވަރ ކުރުމެއް ނޫން. .... އެންމެން އެއްވެގެން ސަރުކާރު ވައްޓަން ހިފާތީވެ ޕީޕީއެމްއާ ގުޅުނީ." މޫސާ މަނިކު ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ ފެށުނީންސުރެ ވަރުގަދަ ފަލްސަފާއެއް އޮންނަ ކަމަށާއި، ނަމަވެސް ވަކި ހިސާބަކުން އެ ފަލްސަފާ އެމްޑިޕީން ދޫކޮށްލާފައިވާ ކަމަށެވެ.

"ޑީއާރުޕީގެ ފިކުރާ އެމްޑީޕީގެ ފިކުރާ އެއީ އަބަދުވެސް ތަފާތު ދޭއްޗެއް. އަސްލު އަޅުގަނޑުމެންނަށް ނުވަދެވެންވީ އެއްޗަކީ ޑީއާރުޕީ. އެމްޑީޕީ މީހުން ރައީސް މަޢުމޫންގެ ހުރިހާ މީހުން ގެންގޮސްގެން އެމްޑީޕީ ހަރުގެއަށް ވައްދައިގެން، ބާޣީންނޭ ގޮވާ، 2 އަހަރު ދުވަސް ވަންދެން މުޒާހަރާކޮށް އުޅުނު އެންމެންވެސް އެމްޑީޕީ ހަރުގެއަށް ވައްދައިގެން އުޅެންފެށީމަ އަޅުގަނޑު ހިތަށް އެރީ އަސްލު މިކިޔާ މަލްޓި ޕާޓީ ޑިމޮކްރަސީ މި އައްޔޭ." ޕީޕީއެމް އާ ދިމާލަށް މިސްރާބު ޖެހުނު ގޮތް ތަފްސީލު ކޮށްދެއްވަމުން މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، ޕީޕީއެމް އާ ގުޅުނީވެސް ސިޔާސީ މަސައްކަތް ކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

"(ޢަޅުގަނޑު ހިތަށް އެރީ) އެމްޑީޕީގެ ފަލްސަފާއާއި، އެމްޑީޕީ ޤަބޫލުކުރާ އުޞޫލުތައް އެންމެން ދޫކޮށްލައިފިއޭ، އަޅުގަނޑު ކީތްވެގެންހޭ އެމްޑީޕީގެ ދިދައެއް ހިފައިގެން ވަކި ސިޔާސީ ހަޔާތް ހުއްޓިފައި ގޮސް ލޮނުޒިޔާރަތް ކޮޅުގައި އިންނަންވީ، އެހެންވެގެން އަޅުގަނޑުވެސް ހިތަށް އެރީ އަޅުގަނޑަށްވެސް ހަމަ އުޅެވޭނެ ނޫންހޭ. އެހެންވެގެން އަސްލު ޕީޕީއެމް އަށް ވަނީ. ސިޔާސީ މަސައްކަތް ކުރުމުގެ މަޤްޞަދުގައި ޕީޕީއެމް އަށް ވަނީ." މޫސަ ވިދާޅުވިއެވެ.

މިއަދު މޫސަ އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރެއްވި ނަމަވެސް، ސިޔާސީ ހަޔާތް ނިންމަވާލައްވަން ގަސްތުނުކުރައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ