މާލޭ ސަރަހައްދުގެ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއިން ނިންމައިފިއެވެ.
އެމިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ އެންމެހައި ތަންތަން މިއަދުން ފެށިގެން 2 ހަފްތާގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.
މިނިންމުން ނިންމާފައިވަނީ، ގިނަ މީހުން އެއްތަނަކަށް ޖަމާވެގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ހެލްތް
ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާތީއާއި، އެ އެޖެންސީގެ ލަފާގެ މަތިން ކަމުގައިވެސް އެމިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 13 އަށް މިހާރުވަނީ އަރާފައެވެ.
ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ ރިސޯޓުން 5 މީހަކާއި، ބަތަލާއިން 2 މީހަކާއި، ކުރަމަތިން 2 މީހަކާއި، އަނަންތަރާ ދިގު ރިސޯޓުގެ 2 މީހަކާއި، އައިލެންޑް ސަފާރީން ޕޮޒިޓިވް ވި 2 ފަރާތެވެ.




