މިލާން ދަތުރަށްފަހުކުރި ޓެސްޓްތަކުގެ %35 ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސްޕެއިންގެ ކްލަބެއްކަމަށްވާ ވެލެންސިއާއިން ހާމަކޮށްފިއެވެ.
ވެލެންސިއާއިން ހޯމަ ދުވަހު މިކަން ހާމަކޮށްފައިވާއިރު، އާދިއްތަ ދުވަހު ވެލެންސިއާއިން ބުނީ އެކްލަބަށް ނިސްބަތްވާ 5 ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިދިޔަ މިމަހު އިޓަލީއަށްކުރި ދަތުރަށްފަހު ވެލެންސިއާއިންދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ވެލެންސިއާ އިޓަލީއަށް ގޮސްފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި އެޓަލާންޓާއި ދެކޮޅަށް ކުޅުމަށެވެ. އެމެޗުން 4-1 ގެ ނަތީޖާއަކުން ވެލެންސިއާވަނީ ދަށްވެފައެވެ.
ވެލެންސިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކުޅުންތެރިންގެ ތެރޭގައި ބޮޑު ޓީމުގެ 3 ކުޅުންތެރިންކަމަށްވާ އެޒެކުއެލް ގަރޭ އަދި ޖޯސޭ ގަޔާގެ އިތުރުން އެލިއަކުއިމް މަންގާލާވެސް ހިމެނެއެވެ. އަދި އެކްލަބުގެ ޑޮކްޓަރެއްކަމަށްވާ ޖުއާން އަލިއާގާއާއި އަމްޕަޔާ ޕާކޯ ކަމަރަސާވެސްވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސްޕެއިންގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުވަނީ އިޢުލާންކޮށްފައެވެ. މިވައިރަހުގައި މިހާތަނަށް 309 މީހުން ސްޕެއިންއިން މަރުވެފައިވެއެވެ.



