ވިލާތުގެ ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "ޔޫރޯ" ކޮވިޑް-19 އާއި ގުޅިގެން ފަސްކޮށްފިއެވެ.
ޔޫރޯ މުބާރާތް ފަސްކޮށްފައިވަނީ ޔޫއެފްއާއިން މި މުބާރާތުގެ ސުޓޭކްހޯލްޑަރުންނާއެކު މިއަދު ބޭއްވި އެމަރޖެންސީ ވީޑިއޯ ކޮންފެރެންސް އަކަށް ފަހުއެވެ. މިގޮތުން މުބާރާތް ފަސްކުރުމުގެ ކުރިން ޔޫއެފްއާއިންވަނީ ޔޫރޯގައި ބައިވެރިވާ ގައުމުތަކާއި، ފުޓްބޯޅަ އިދާރާތަކާއި ކޯޗުންގެ އިތުރުން ކުޅުންތެރިންނާވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ކޮށްފައެވެ.
މިއަހަރުގެ ޖޫން 12 އިން ޖުލައި 12 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ޔޫރޯ2020 ދެން ބާއްވާނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 ގެ ނިޔަލަށެވެ.
ޔޫއެފްއާއިން ބާއްވާ ޔޫރަޕާ ލީގާއި ޗެމްޕިއަންސް ލީގުގެ މެޗުތައްވެސް މިހާރުވަނީ މެދުކަނޑާލައިފައެވެ. މި ދެމުބާރާތުގެ މެޗުތައް މެދުކަނޑާލައިފައި ވީނަމަވެސް ޔޫރޯ އަންނަ އަހަރަށް ފަސްކުރުމަށް މިނިންމި ނިންމުމާއެކު މި ދެމުބާރާތުގެ މެޗުތައް މިއަހަރު ތެރޭގައި ނިންމާނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ތައްޓައް ކުޅޭ ފުޓުބޯޅަ މުބާރާތަށްފަހު ދެން އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތަކީ ޔޫރޯ މުބާރާތެވެ. ޔޫރޯގައި ވިލާތަށް ނިސްބަތްވާ ފުޓުބޯޅައިގެ ވަރުގަދަ 24 ޓީމުން ވާދަކުރާނެއެވެ. އެންމެފަހުން ޔޫރޯ މުބާރާތް ބާއްވައިފައިވަނީ 2016 ވަނަ އަހަރުއެވެ. މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ ޕޯޗުގަލް އިންނެވެ.



