އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި މަޓުއުޑީ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުމުރުން 32 އަހަރު ގެ މަޓުއުޑީއަކީ ޔުވެންޓަސްއިން މިވައިރަސް ޖެހުނު ދެވަނަ ކުޅުންތެރިޔާއެވެ. އެކްލަބުން މިވައިރަހަށް ފުރަތަމަ ޕޮޒިޓިްވީ އިޓަލީ ޑިފެންޑަރު ޑެނިއަލީ ރުގާނީއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން އިޓަލީ ލޮކްޑައުންކޮށްފައިވާއިރު އިޓާލިއަން ސީރީއާގެ ބައެއް ކުޅުންތެރިންނަށްވަނީ މިވައިރަހުގެ އަސަރުކޮށްފައެވެ. ޔުވެންޓަސްގެ އިތުރުން ފިއޮރެންޓީނާއާއި ސަމްރޯޑިއާގެ ބައެއް ކުޅުންތެރިންވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އިޓާލިއަން ސީރީއާ އަންނަ އޭޕްރީލް މަހުގެ 3 އާއި ހަމައަށް މެދުކަނޑާލާފައިވާއިރު، އިޓަލީގެ ފިހާރަތަކާއި، ފާމަސީތައްވެސްވަނީ ބަންދުކޮށްފައެވެ.
މިވައިރަހުގެ އަސަރު ދުނިޔޭގެ ފުޓްބޯޅައަށްވެސް ކުރަމުންދާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ވެސްވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންނަމަވެސް ޔޫރަޕިއަން މުބާރާތްތައް މިހޫނު މޫސުމަށް ނިންމާ ލެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.




