ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ބެސްޓް ނިއުސް އަޕްޑޭޓް

އީޕީއެލް – ސިޓީއާ އެއްހަމައަކަށް އަންނަން އަދިވެސް ގަދައަޅާ މަސައްކަތްކުރަންވީ : ސޮލްޝޭއާ

އަވައްޓެރި ކްލަބެއްކަމަށްވާ ސިޓީއާއި އެއްހަމައަކަށް އަންނަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޕްރިމިއާ ލީގުގައި ރޭ ސިޓީއަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ސޮލްޝެއާ ބުނެފިއެވެ.

ރޭގެ މެޗުން 0-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވިއިރު ކުރިން ކުޅުނު މެޗުން އެވަޓަން އަތުން ޔުނައިޓެޑް ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ފެނުނު ދެލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުއެވެ. ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނަޓްގައި ޖަހައިދިނީ ބަނާޑޯ ސިލްވާއެވެ. އަދި ދެވަނަ ލަނޑު ސާނޭ ޖަހައިދިނީ މެޗުގެ 66 ވަނަ މިނަޓްގައެވެ. ބަނާޑޯ ސިލްވާ މިސީޒަންގައި 8 ލީގު ގޯލް ސިޓީއަށް ޖަހާދީފައިވެއެވެ.

ސިޓީގެ ކުޅުންތެރިން ފަރާތުން އިތުބާރާއި ކޮލިޓީ ފެނިގެންދިޔައިރު ސިޓީއާއި ކުރިމަތިވި ބޮޑު ދެސުވާލަށްވެސް މިވަނީ ސިޓީން ފުރިހަމަ ޖަވާބެއް ދީފައެވެ. އާދިއްތަ ދުވަހު ޓޮޓޭންހާމް ބަލިކުރިއިރު ރޭ ބަލިކުރީ މެންޗެސްޓާ ޔުނައިޓެޑެވެ.

ލީގުގައި ބާކީ 3 މެޗު އޮތްއިރު މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއަހަރުގެ ޗެމްޕިއަންއަކީ ކޮބާކަމާމެދުގައެވެ. ބާކީއޮތް 3 މެޗުން ސިޓީ މޮޅުވެގެން ސިޓީއަށް ލީގު ކަށަވަރުވާނެއެވެ. އެހެންނަމަވެސް ސިޓީއަށް ހެދޭ ކޮންމެ ގޯހެއްގެ ފައިދާ ނަގަން 1 ޕޮއިންޓްގެ ތަފާތެއްގައި އޮތް ލިވަޕޫލްއޮތީ ތައްޔާރަށެވެ.

26 އޭޕްރިލްގައި ލިވަޕޫލްއިން ހަޑަލްސްފީލްޑްއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުންނައިރު އަވޭގައި ސިޓީއިން ބާންލީއާއި ދެކޮޅަށް ނިކުންނާނީ މިމަހު 28 ގައެވެ.

4-0 ގެ ނަތީޖާއަކުން އެވަޓަން އަތުން ބަލިވެ ލިބުނު ހިތި ނައްތާލުމަށް ނިކުތް ޔުނައިޓެޑަށް މާއެދެވޭ ކުޅުމެއް ރޭގެ މެޗުގައި ކުޅެވޭގޮތްވަނީ ނުވެފައެވެ. މުޅިމެޗުގައިވެސް ސިޓީގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ބޯޅައެކެވެ.

އަގުއެރޯ ޔުނައިޓެޑް ދެކުޅުންތެރިން ކައިރިން ބޯޅައާއެކު ދެމިގަންނަނީ - ފޮޓޯ: އެލްކޮމާސިއޯ / ޕެރޫ

ޕޮގްބާގެ ފަރާތުން ރޭގެ މެޗުގައި ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމުކެވެ. ސިޓީގެ ދެ ގޯލްގައިވެސް ޔުނައިޓެޑްގެ ކީޕަރު ޑެހެއާގެ މިސްޓޭކް އެބަހުއްޓެވެ. ސިޓީއިން ލީޑު ނެގުމާއެކު ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުންތަކެއް ދަނޑުދޫކޮށްވަނީ ގޮސްފައެވެ.

ޔުނައިޓެޑުން އަދިވެސް އަންނަނީ ގަދަ ހަތަރަކަށް ވާދަކުރަމުންނެވެ. ޔުނައިޓެޑުން އެންމެފަހުން ކުޅުނު 12 މެޗުންވެސް ބައިކޮޅަށް ލަނޑެއް ވައްދާނުލާ ނިންމާލެވިފައިނުވާއިރު މިއީ 1971 އޮގަސްޓްގެ ފަހުން ކްލީން ޝީޓުގައި ޔުނައިޓެޑް މިހާ ދަށަށްވި ފުރަތަމަ ފަހަރެވެ.

64 ޕޮއިންޓާއެކު ޔުނައިޓެޑްއޮތީ ތާވަލުގެ ހަވަނާގައެވެ. ޔުނައިޓެޑް އެންމެފަހުން ކުޅުނު 9 މެޗުގެ ތެރެއިން 7 މެޗުންވަނީ ބަލިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ