އެންޓޮއިން ގްރިޒްމަން - ފޮޓޯ: ސްޕޯޓްސް އިލަސްޓްރޭޓެޑް

ލަލީގާ – އެތުލެޓިކޯ މޮޅުވެ، ބާސާއަށް ލީގު ކާމިޔާބުކުރަން އިތުރު 3 ޕޮއިންޓް ބޭނުންވެއްޖެ

ރޭ ލަލީގާގައި އެތުލެޓިކޯ އަދި ވެލެންސިއާ ބައްދަލުކުރި މެޗުން އެތުލެޓިކޯ މޮޅުވުމާއި ގުޅިގެން ބާސާއަށް ލީގު ކާމިޔާބުކުރުމަށް އިތުރު 3 ޕޮއިންޓް ހޯދަން ޖެހިއްޖެއެވެ.

ރޭގެ މެޗުން އެތުލެޓިކޯ ބަލިވިނަމަ ބާސާއަތުގައި އޮތް 80 ޕޮއިންޓާއެކު ބާސާއަށް ލީގު ކާމިޔާބުވާނެއެވެ. ނަމަވެސް މިނަތީޖާއާއެކު ލީގުގައި ބަކީ 4 މެޗު އޮތްއިރު ބާސާއަށް ލީގު ކާމިޔާބުކުރެވޭނީ މި 4 މެޗުން އިތުރު 3 ޕޮއިންޓް ހޯދައިގެންނެވެ. ބާސާގެ މިކާމިޔާބީ ވެގެންދާނީ ވޭތުވެދިޔަ 11 އަހަރު ތެރޭ ކާމިޔާބުކުރާ 8 ވަނަ ލަލީގާއަށެވެ.

ރޭގެ ކުޅެވުނު މި ފޯރި ގަދަ މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. 9 ވަނަ މިނަޓްގައި މޮރާޓާގެ ލަނޑަކުން އެތުލެޓިކޯ ލީޑު ނެގި ނަމަވެސް 36 ވަނަ މިނަޓްގައި ވެލެންސިއާގެ ގަމެއިރޯ ލަނޑެއްޖަހައި ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ދެވަނަ ހާފުގެ ފުރަތަމަ ހަތަރުވަނަ މިނަޓްގައި ގްރިޒްމަން ލަނޑެއްޖަހައި އަނެއްކާވެސް އެތުލެޓިކޯއަށް ލީޑު ނަގައިދިނެވެ. ވެލެންސިއާއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 77 ވަނަ މިނަޓްގައެވެ. އެތުލެޓިކޯ މޮޅުވި ލަނޑު މެޗުގެ 81 ވަނަ މިނަޓްގައި ޖަހައިދިނީ ކޮރެއާއެވެ. މިމޮޅާއެކު ދެވަނާގައި އޮތް އެތުލެޓިކޯއަށް 71 ޕޮއިންޓް ލިބިފައިވާއެވެ. އެއްވަނާގައި އޮތް ބާސާ 80 ޕޮއިންޓް ހޯދާފާއި އޮތްއިރު ލީގު ކާމިޔާބުކުރަން ބޭނުންވަނީ އެންމެ 3 ޕޮއިންޓެވެ.

އަންނަ ހޮނިހިރު ދުވަހު ލެވެންޓޭއާ ބައްދަލުކުރާ މެޗުން ބާސާ މޮޅުވެއްޖެނަމަ ބާސާއަށް ލީގު ލިބޭނެއެވެ. އަދި އެމެޗުގެ ކުރިން އެތުލެޓިކޯ އަދި ރެއަލް ވަލަޑޮލިޑް ބައްދަލުކުރާ މެޗުން އެތުލެޓިކޯ ބަލިވެއްޖެނަމަވެސް ބާސާއަށް ލީގު ލިބޭނެއެވެ.

އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅެވޭ ބާސާ އަދި ލަވަންޓޭ ބައްދައްލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަނޑިން 11:45 ގައެވެ. އެތުލެޓިކޯ އަދި ރެއަލް ވަލަޑޮލިޑް ބައްދަލުކުރާމެޗު ފެށޭނީ ހަމައެރޭ ރާއްޖެގަޑިން 7:15 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް