ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ފްރާންސް ލޮކްޑައުން ކުރުމުގެ ކުރިން ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ އެޤައުމު ދޫކޮށް ބްރެޒިލްއަށް ހިނގައްޖެއެވެ.
ފްރާންސް ލޮކްޑައުން ކުރުމުގެ ކުރިން ޓީމުގެ ކޮންމެ ކުޅުންތެރިއަކުވެސް އެކުޅުންތެރިއަކު ބޭނުން ތަނަކަށް ޤައުމަކަށް އައިސޮލޭޓްވާން ދިއުމުގެ ފުރުޞަތު ޕީއެސްޖީއިންވަނީ ދީފައެވެ. އެހެންކަމުން ޕީއެސްޖީއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ނޭމާ އާޢިލާ ގާތަށް އެނބުރި އުފަން ޤައުމަށް ބްރެޒިލަށް ގޮސްފައިވާއިރު، ނޭމާގެ އިތުރުން ޕީއެސްޖީ ޑިފެންޑަރު ތިއާގޯ ސިލްވާވެސްވަނީ ބްރެޒިލްއަށް ގޮސްފައެވެ.
ފްރާންސް ލޮކްޑައުން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސީޓިއިން ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކިޤައުމުތަކުގައި ހަލުވިކަމާއެކު ފެތެރެމުންދާއިރު، މިވައިރަސް އިތުރަށް ކޮންޓްރޯލް ކުރުމަށްޓަކައި އެކި ޤައުމުތަކުގައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ، އެގޮތުން އެކަމުގެ އަސަރު ފުޓްބޯޅައަށްވެސް ކޮށްފައިވާއިރު، ފްރާންސްގެ އެންމެ މަތީ ދެލީގުވެސް ވަނީ މަޑުޖައްސާލާފައެވެ.
ކްލަބުތަކުގެ ފަރިތަކުރުންތަށްވެސް މިހާރު ހުއްޓާލާފައިވާއިރު، ފިޓްނަސް ސްޓާފްގެ އިރުޝާދުން ގިނަ ކުޅުންތެރިން ފަރިކުރުންތައް ކުރިއަށް ގެންދަނީ އަމިއްލައަށެވެ.
މީގެއިތުރުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ވެސްވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންނަމަވެސް ޔޫރަޕިއަން މުބާރާތްތައް މިހޫނު މޫސުމަށް ނިންމާ ލެވޭތޯ މަޝްވަރާކުރެވެމުން އަންނަކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.



