ދުނިޔޭގެ ޓީވީ ސިލްސިލާގެ ތާރީހުގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެމެރިކާގެ ޓީވީ ޝޯ “ފެރެންޑްސް” ގެ ހާއްސަ ރީޔުނިއަން ނުވަތަ އެނބުރިއައުން ގެނެސްދޭނެކަން އެޗްބީއޯ އިން މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ފިލްމް އިންޑަސްޓްރީގެ ގިނަ މަސައްކަތްތަކެއް ހުއްޓާލަމުން އަންނައިރު، އެންމެ ފަހުން ފްރެންޑްސް ގެ ރީޔުނިއަންވެސް ފަސްކޮށްފައިވާކަމަށް ދާދިފަހަކުން މިވަނީ އިއުލާންކޮށްފައެވެ.
ފްރެންޑްސް ގެ ހާއްސަ ރީޔުނިއަން ގެނެސްދޭ އެޗްބީއޯ މެކްސް އިން ބުނީ، ކޮރޯނާ ވައިރަސްއާއި ގުޅިގެން ފްރެންޑްސްގެ ރީޔުނިއަން ލަސްކޮށްފައިވާކަމަށެވެ.
އެޗްބީއޯ މެކްސް އަކީ، ވަރަށް އަވަހަށް އަންނަން އުޅޭ އޮންލައިން ސްޓްރީމިން ޕްލެޓްފޯމެކެވެ. އަދި ފްރެންޑްސްގެ ހާއްސަ ރީޔުނިއަން ގެނެސްދޭނީ، އަންނަ މެއި މަަހު މި ޕްލެޓްފޯމު ލޯންޗުކުރުމާއެކުއެވެ.
ފްރެންޑްސް ސީރީޒްގެ ހަ ތަރިން ކަމުގައިވާ، ޑޭވިޑް ޝްވިމާ(ރޮސް)، މެތިއު ޕެރީ(ޗޭންދްލާ)، މެޓް(ޗޯއީ)، ލީސާ ކުޑްރޯ(ފީބީ)، ޖެނިފާ އެނިސްޓަން(ރޭޗަލް)، އަދި ކޯޓްނީ ކޮކްޒް(މޮނިކާ) ފްރެންޑްސް ގެ ހާއްސަ ރީޔުނިއަންއަކާއެކު އެޗްބީއޯ މެކްސް އަށް އަންނާނެކަން މިދިޔަ ފްބްރުއަރީ މަހު އިއުލާންކުރިއިރު، އެ ދުވަސްވަރު މުޅި ސޯޝަލް މީޑިއާ ބަންޑުންވީ މި ޙަބަރާއެކުއެވެ.
“އެޗްބީއޯ މެކްސް” އިން ފްރެންޑްސްގެ ރީޔުނިއަން އާއެކު ފްރެންޑްސްގެ ކުރީގެ 10 ސީޒަންވެސް ގެނެސްދޭނެކަމަށް އެޗް ބީ އޯ މެކްސް ގެ ޗީފް ކޮނޓެކްޓް އޮފިސަރ ކެވިން ރެއިލީ ވަނީ މީގެ ކުރިން ބުނެފައެވެ. އަދި މި ރީޔުނިއަންނަށް ދޭނެ ނަމަކީ، “ދަ ވަން ވެއާ އޯލް ގޮޓް ބެކް ޓުގެދާރ” ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކާމިޔާބު 10 ސީޒަންނަށްފަހު ފްރެންޑްސް ނިއްމާލިތާ މިހާރރު 15 އަހަރު ވެފައިވާއިރު، އަދިވެސް މި ސީރީޒް ގެ ފޯރިއަށް އެއްވެސް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ. އަދި އޭގެ ފަހުންވެސް ފްރެންޑްސްގެ ރީޔުނިއަންއެއް 2016 ވަނަ އަހަރު ބޭއްވިނަމަވެސް، އެ ރީޔުނިއަންގައި މެތިއު ޕެރީއަށް ވަނީ ބައިވެރިވެވޭގޮތް ނުވެފައެވެ.
1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމަ އަށް ގެނެސްދިން މަޝްހޫރު ޓީވީ ސީރީސް “ފްރެންޑްސް” ގެ 10 ސީޒަން ދައްކާފައިވާ މި ސިރީޒްގެ މަޤްބޫލުކަމަށް އަދިވެސް ފަނޑުކަމެއް އައިސްފައިނުވާއިރު މިއީ ދިވެހި ޒުވާނުންގެ މެދުގައިވެސް މަޤުބޫލު ސީރީޒްއެކެވެ




