މި ހުކުރަކީ ހަޔާތުގައި އެންމެ އަސަރު ކުރުވި އެއް ދުވަސްކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ މުޅި އިސްލާމީ އުންމަތައްވެސް ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ. "މި ހުކުރަކީ ހަޔާތުގައި އެންމެ އަސަރު ކުރުވި އެއް ދުވަސް" ޑރ. ޖަމީލް ވިދާލުވެފައިވެއެވެ.
ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ ކެތްތެރިކަން އިސްކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކަށް އަމަލުކުރުން މުޙިންމު ކަމަށާއި، އަދި ލަސްނުކޮށް ޖަމާޢަތުގައި އަޅުކަން ކުރެވޭނެ ގޮތް ވުމަށް ދުޢާ ކުރައްވާ ކަމަށެވެ. "އަލްޙަމްދުލިﷲ، މިހާރުވެސް ކޮންޓްރޯލް ކުރެވޭތަން ފެނޭ" ޖަމީލް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން އެ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅު ތަކެއް އަޅުއްވާފައެވެ.
އެގޮތުން މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފައިވާކަން އިސްލާމިކް މިނިސްޓްރީން ވަނީ އިޢުލާނު ކުރައްވާފައެވެ. ރާއްޖޭގެ އިތުރުން އިސްލާމީ ގިނަ ޤައުމުތަކެއްގައިވެސް ދަނީ މިކަން ކުރަމުންނެވެ.
ކޯވިޑް-19 ހުއްޓުވަން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއާއިންވެސް ވަނީ މައްކާގެ މަސްޖިދުލް ޙަރަމް އާއި މަދީނާގެ މަސްޖިދުއްނަބަވީގެ ހަރިންމަ ތެރޭގައި ނަމާދު ކުރުން ވަގުތީ ގޮތުން މިއަދުން ފެށިގެން މަނާކޮށްފައެވެ.




