ރިޒޯޓުތަކަށް އަންނަ ފަތުރުވެރީން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމަވައިފިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރި ކަމަށްޓަކައި ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ނިންމަވައިފިން ކަމަށެވެ.
މީގެ ތެރޭގައި ދިވެހިންގެ އިތުރުން އެކި ވީސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
ކޮރޯނާ ވައިރަހަށް ރާއްޖެއިން ޖުމްލަ 13 މީހަކު ޕޮޒިޓިވްވިއެވެ. އެއީ ކުރެއްދޫ ރިސޯޓުން ފަސް މީހަކާއި ބަތަލާ ރިސޯޓުން ދެ މީހެއްގެ އިތުރުން ކުރަމަތި ރިސޯޓުން ދެ މީހަކާއި އަނަންތަރާ ރިސޯޓުން ދެ މީހެކެވެ. އަދި ސަފާރީއަކުން ދެ މީހަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުން މިހާރު ވަނީ މި ބަލިން ފަސޭހަވެފައެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ.



