ކޮވިޑް-19 ޖެހުނު ރެއަލްމެޑްރިޑްގެ ކުރީގެ ރައީސް މަރު ވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވި، ރެއަލްމެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސޭންޒް މަރު ވެއްޖެއެވެ.

ސޭންޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހަފްތާގައެވެ. މީގެ ކުރިންވެސް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާ، ސޭންޒް މަރުވިއިރު އޭނާގެ އުމުރަކީ 76 އަހަރެވެ.

އޭނާ މަރުވެފައިވާކަން އޭނާގެ ފިރެހެންދަރި ލޮރެންޒޯ ޖޫނިއާ ޓްވިޓާ މެދުވެރިކޮށް ޙިއްސާކޮށްފައިވާއިރު، ލޮރެންޒޯ ޖޫނިއާ ބުނީ އޭނާގެ ބައްޕަ މަރުވެއްޖެކަމަށާއި، މިއީ ބައްޕަގެ ނިމުން އަންނަންވީ ގޮތް ނޫންކަމަށެވެ. ޙަޔާތުގައި ދުށް އެންމެ މޮޅު، ވިސްނުންތޫނު އެންމެ ބުރަކޮށް މަސައްކަތްކުރާ މީހަކީ ބައްޕަކަމަށްވެސް ލޮރެންޒޯ ޖޫނިއާ ބުނެފައިވެއެވެ.

ރެއަލްމެޑްރިޑްގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ކުރިން އެކްލަބުގެ ރައީސްކަންކުރި ސޭންޒް ރެއަލްމެޑްރިޑްގެ ރައީސަކަށްވެފައިވަނީ 1995 ވަނަ އަހަރުއެވެ. އަދި 2000 ވަނަ އަހަރާއި ހަމައަށް ކަލްބުގެ ރައީސްގެ ގޮތުގައި އޭނާ ހުއްޓެވެ.

ރެއަލްމެޑްރިޑްގައި ސޭންޒް ހޯދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 1998 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕެވެ. ރެއަލްމެޑްރިޑުން މިތަށި އުފުލާލީ 32 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ރައީސްކަމަށްފަހުވެސް ރެއަލްމެޑްރިޑު ކުޅުންތެރިންގެ މެދުގައި މަޤުބޫލްކަން އޮންނަ ސޭންޒްއަކީ ސްޕެނިޝް ލަލީގާގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ލަލީގާގައި ކުޅެމުން އަންނަ މަލާގާ 2006 ވަނަ ގަނެފައިވެއެވެ. އަދި ފަހުން 2010 ވަނަ އަހަރު ގަތަރުގެ ވިޔަފާރި ވެރިޔާ ޝެއިޚް ޢަބްދުﷲ ބިން ނާޞިރު އަލް ތާނީއަށް މަލާގާ ވިއްކާލިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ