އިންޓަރމިލާންއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑު ލަޓާރޯ މާޓިނޭޒްގެ ބަދަލުގައި 70 މިލިއަން ޔޫރޯގެ އިތުރުން ދެކުޅުންތެރިން ހުށަހަޅަން ސްޕެއިންގެ ވަރުގަދަ ބާސެލޯނާއިން ތައްޔާރުވަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން މާޓިނޭޒްގެ ބަދަލުގައި ބާސެލޯނާއިން އިންޓަރމިލާންއަށް ހުށަހަޅަނީ އާތޫރޯ ވިޑާލްއާއި ނެލްސަން ސަމޭޑޯއެވެ.
ބާސެލޯނާގެ ކުރިއަށް ކުޅެމުން އަންނަ ލުއިޒް ސުއަރޭޒްގެ ބަދަލަށް އިތުރު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެކްލަބުގެ އިތުރުން ވާދަވެރި ރެއަލްމެޑްރިޑުންވެސް އަންނަނީ މާޓިނޭޒްއަށް ފާރަލަމުންނެވެ.
އިޓަލީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 22 އަހަރުގެ މާޓިނޭޒްވަނީ މިސީޒަންގެ އިޓާލިއަން ސީރީއާގައި އިންޓަރމިލާންއަށް ކުޅެދިން 22 މެޗުން 12 ލަނޑު ކާމިޔާބުކޮށް 3 އެސިސްޓް ހަދާފައެވެ. އަދި މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 6 މެޗުން 5 ލަނޑު އޭނާވަނީ ކާމިޔާބުކޮށްފައެވެ.
ސްޕެއިންގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުންވެސް މާޓިނޭޒްއަށް ފާރަލަމުން އަންނައިރު، އޭގެތެރޭގައި މެންޗެސްޓާރ ސިޓީ އާއި ޔުނައިޓެޑްގެ އިތުރުން ޗެލްސީވެސް ހިމެނެއެވެ. އެހެންނަމަވެސް ރިޕޯރޓްތައް ބުނާގޮތުން މާޓިނޭޒް ދިއުން އެންމެ ގާތީ ސްޕެއިންއަށެވެ.
މާޓިނޭޒްގެ ރިލީޒް ކްލޯސްއަކީ 111 މިލިއަން ޔޫރޯއެވެ. އޭނާ އިންޓަރމިލާންއާއެކު މިހާރު ހަދާފައިވާ އެއްބަސް ނިމުމަކަށް އަންނާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ.




