ރައީސް ޔާމީންގެ ފިކުރުގައި ހިންގަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) އަދި ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންތިހާބު ކޮށްފިއެވެ.
މި ބޭފުޅުން ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ މިއަދު މެންދުރުފަހު ފެށި ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތިލި ބޭފުޅުނަށް ލިބުނު ވޯޓުގެ އަދަދު:
އަހުމަދު ނިޙާން ހުސެން މަނިކު: 126 ވޯޓު
މުހައްމަދު ހުސެއިން ޝަރީފް(މުންދު): 122 ވޯޓު
އިބްރާހިމް ސުޖާއު: 122 ވޯޓު
މުހައްމަދު ސައީދު: 120 ވޯޓު
މުހައްމަދު ނިމާލް (ފެނަކަ ނިމާލް): 39 ވޯޓް
ފަސް ބޭފުޅުން ވާދަކުރެއްވިއިރު ޕީއެންސީގެ ކޮންގްރެސްގައި ޖުމްލަ 139 މަންދޫބަކަށް ވޯޓުލާފައިވެއެވެ.
ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް ހަތަރު ބޭފުޅަކު އިންތިހާބުކޮށްފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދު ބަދަލުކުރުމަށް ފަހުގައެވެ.