ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހޭ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ސަރުކާރު އޮފީސްތައް 19 މާރިޗު 2020 ން ފެށިގެން ބަންދުކުރުމަށް ސަރުކާރުން ނިންމަވާފައިވާތީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހޭ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.
ލިޔެކިއުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވަނީ ސަރުކާރު ހުޅުވޭ ތާރީޚުން ފެށިގެން 3 ދުވަހުގެ މުއްދަތަށެވެ.
މާލޭގެ ބިން ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކޮށްވާ ފަރާތްތަކުގެ މައުލޫމާތު ހުށަހެޅުމަށް، ކުރިން ފުރުސަތު ހުޅުވާލާފައިވަނީ މާޗް މަހުގެ 22 ވަނަ ދުވަހުގެ 2:00 އާ ހަމައަށެވެ.
މިނިސްޓްރީން ބުނެފައިވަނީ ހުށައަޅަންޖެހޭނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ދޫކޮށްފައިވާ ލިޔުމާއި، އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއެއް ކަމަށެވެ.



