ފްލެޓްތައް ޖުލައިމަހަށް ހަވާލުކުރެވޭނެކަމަށް ވިދާޅުވެވިފައި ވަނީ އޮޅުމަކުން: ހައުސިންގ

ފްލެޓްތައް ޖުލައިމަހަށް ހަވާލުކުރެވޭނެކަމަށް ވިދާޅުވެވިފައިވަނީ އޮޅުމަކުން ކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ 7000 ފްލެޓް ތަކާއިބެހޭ ގޮތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި، ހައުސިންގ މިނިސްޓްރީއާ ކުރެވުނު ސުވާލު ތަކުގެ ތެރޭގައި ހިޔާ މަޝްރޫޢުގެ 7000 ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން
ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ފްލެޓްތައް ޖުލައިމަހަށް ހަވާލުކުރެވޭނެކަމަށް ވިދާޅުވެވިފައި ވަނީ އޮޅުމަކުން ކަމަށެވެ.

މީގެއިތުރުން، ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދެއްގަ ތިބުމުގެ ސަބަބުން، ކުރިން ފައިނަލް ލިސްޓް އިޢުލާން ކުރަން ތާވަލްކުރި ތާރީޚުގައި ލިސްޓް އާންމު ނުކުރެވިވާ ކަމަށެވެ. އަދި މިހެން ދިމާވުމުގެ މައިގަނޑު އެއްސަބަބަކީ، ފުރަބަންދުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކޮށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ދަތިތަކާއި ދިމާވުމުން ކަމަށެވެ.

އެހެންނަމަވެސް، ފުރަބަންދުގެ މުއްދަތު ނިމުނުހާ އަވަހަކަށް ގޭގެއަށް ޒިޔާރަތްކޮށް އެސެސްމަންޓްގެ މަސައްކަތް ފަށާ ވީހާވެސް އަވަހަކަށް ލިސްޓް އާންމު ކުރުމުގެ މަސައްކަތްކުރެވިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައިވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ، މިހާތަނަށް މުޅި ޖުމްލަ ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރަން ވަނީ ތައްޔާރުވެފައި ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ 7000 ފްލެޓް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށެވެ.

ހިޔާ މަޝްރޫއަކީ ނިމިދިޔަ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ފެއްޓެވި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރަމުންދަނީ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ