ބާސާ ދޫކޮށްލިމަށްފަހު ބާސާ ދޫކޮށްލި ސަބަބާއި ބެހޭ ގޮތުން ނޭމާ އަންނަނީ އެކިފަހަރުމަތިން ވާހަކަ ދައްކަމުންނެވެ. ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާ ބާސާ ދެކެ އަދިވެސް ލޯބިވާކަން އެތަށްފަހަރަކުވަނީ ހާމަކޮށްފައެވެ.
އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސާ ދޫކޮށް ޕިއެސްޖީއަށް ނޭމާ ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާ މިބަދަލަކީ މެސީގެ ހިޔަނިން ސަލާމަތްވުމަށް ނޭމާ އެޅި ފިޔަވަޅެއްކަމަށް ގިނަބަޔަކު އައީ ބުނަމުންނެވެ.
އެހެންނަމަވެސް ބާސާ ދޫކޮށްލުމާއި ބެހޭގޮތުން ނޭމާ އެންމެފަހުން ބުނެފައިވަނީ އެއީ ބާސާ ދޫކޮށް ޕީއެސްޖީއާއި ގުޅުނީ މުޅިން އާ ކަންތައްތަކެއް ތަޖުރިބާކޮށްލުމަށްކަމަށެވެ. އަދި ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވާން ނިންމި ނިންމުމަކީ ވަރަށްވެސް އުނދަގޫ ނިންމުމެއްކަމަށް ނޭމާވަނީ ބުނެފައެވެ.
" އަހަރެން ބާސާ ދޫކޮށްލީ އާ ކަންތައްތަކެއް ތަޖުރިބާ ކުރުމަށް. ތަފާތު ޓެސްޓްތަކަކާ ކުރިމަތިލައި މޮޅުވުމަށް " ނޭމާ ބުންޏެވެ.
ބާސާ އަކީ އަބަދުވެސް އެންމެ ގަޔާވާ ކްލަބް ކަމަށާއި އަދިވެސް ބާސާދެކެ ލޯބިވާކަމަށް ނޭމާ ބުނެފައިވެއެވެ. އެކަމު ތަފާތު ތަޖުރިބާއަކަށް އޭރު ބާސާ ދޫކޮށްލަން ނިންމިނަމަވެސް އެއީ ވަރަށް އުނދުގުލުން ނިންމުނު ނިންމުމެއްކަމަށާއި ނުދާންވެސް އެތަށް ފަހަރަކު ނިންމިންކަމަށް ނޭމާ ބުނެފައިވެއެވެ.

މެސީ، ނޭމާ އަދި ސުއަރޭޒް - ފޮޓޯ: ރެޑްބުލް
އަދި ޕީއެސްޖީއަށް ބަދަލުވީ ދެހަފްތާ ވަންދެން ތަފާތު ގޮތްގޮތަށް ވިސްނުމަށްފަހުގައި ކަމަށް ނޭމާ ބުނެފައިވެއެވެ.
ޕީއެސްޖީއާއެކު ނޭމާ ލީގު 1 މިއަހަރުވެސްވަނީ ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ނާކާމިޔާބީއާއި ކުރިމަތިވެފައިވާއިރު އެމުބާރާތުގެ ގަދަ 16 އިން ކެޓީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.
މިދިޔަ އާދިއްތަ ދުވަހު މޮނާކޯއަތުން 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާ ވަނީ ފެނިގެން ގޮސްފައެވެ. ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިދިޔަ ޖެނުއަރީމަހުން ފެށިގެން ނޭމާ ހުރީ ކުޅުމާއި ދުރުގައެވެ.




