ސަރުކާރުގެ އެތައް ހާސް މުވައްޒަފުންނާއި، ޓީޗަރުންނާއި، ސިއްހީ ދާއިރާގެ މުވައްޒަފުން ފަދަ މުހިންމު ފަރާތްތަކަށް ކުރިއަށް އޮތް 3 މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ދެވޭނެކަން ކަށަވަރުކޮށްދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައްވައިފިއެވެ.
އެ ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން މިހާތަނަށް އިޢުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަމުގެ ޕްރޮގްރާމުން ޢާންމު ރައްޔިތުންނަށް ސީދާ އަސަރެއް ނުކުރުމުގެ އިތުރަށް، ވިޔަފާރިތަކަށާއި، އިޤްތިޞާދަށް އެފައިސާއިން ކުރަން ގަސްތުކޮށްފައިވާ އެއްވެސް ކަމެއްގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވުމަކީ އެކޯލިޝަނުން ސުވާލު އުފައްދާފައިވާނެކަމެއްކަމަށެވެ. ހަމަ އެފަދައިން އެފައިސާ ހޯދާނެ
ގޮތުގެ ތަފްސީލެއް ނެތުމާއި، ފައިސާ މެނޭޖްކުރުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލެއް މިހާ ހިސާބަށް އައިއިރުވެސް ޤާއިމުވެފައި ނުވުމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައި މި އެ ކޯލިޝަނުން ވަނީ ދަންނަވާފައެވެ.
ބަޔާނުގައި ވިދާޅުވެފައިވަނީ ސަރުކާރުން މިހާތަނަށް ޢަމަލު ކުރަމުން ދިޔަ ގޮތަށް ރިޢާޔަތްކުރާއިރު، ރާއްޖޭގެ ޤައުމީ ބޭންކަށް ބޮޑެތި ބުރަތައް އުފުލުމަށް މަޖުބޫރުވާ ޙާލަތަށް ސަރުކާރު ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރު އޮތްކަމަށާއި، ވީމާ ޤައުމީ ބޭންކަށް ބުރަ އުފުލޭނެ ނިސްބަތަށް ފަރުވާތެރިވުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި ޑިޕޮސިޓަރުންގެ ފައިސާއަށް ސަމާލުވުމަށާއި، ރާއްޖޭގެ ބޭރު ފައިސާ، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ ބޭނުން ބޮޑުވެފައި އޮންނަ އޮތުމާއެކު، ދުނިޔެ މިވަގުތު ވެއްޓިފައިވާ އަނދަވަޅުގައި، ޑޮލަރު ސާރކިއުލޭޝަން އާއި ޑޮލަރުގެ އަގާއި، ޑޮލަރު ލިބުމަށް ހުރަސް ތަކެއް ވާނަމަ އެކަންވެސް ސާފުކޮށްދެއްވުން އެ ކޯލިޝަނުން ވަނީ އެދިފައެވެ.
މީގެ އިތުރުން ރާއްޖޭގެ ގިނަ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ސަފާރީތައް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި، އެފަރާތްތަކުގައި ވަޒީފާ އަދާކުރާ އެތައްހާސް ދިވެހިންނެއްގެ ވަޒީފާ ގެއްލުން ފަދަ ފޫނުބެއްދޭވަރުގެ ގެއްލުންތަކަކީ ފުން ވިސްނުމެއްގައި ސަރުކާރުން ޙިއްސާ ކުރަންޖެހޭ ކަންކަންކަމަށާއި މިފަދަ ޙާލަތެއްގައި ޕެންޝަން ފަންޑުން ކުރެވޭނެ ބޭނުންތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އިދިކޮޅުން ގޮވާލައިފައިވެއެވެ.
އެހެން ކަމުން ވީ އެންމެ އަވަހަކަށް އެޕާޓީއާއި ކަންކަން ހިއްސާކޮށް، ޤައުމީ ރޫހުގައި މަސައްކަތް ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނާއި ޤައުމު އިސްކުރުން ކަމަށާއި މިހާލަތުން ޤައުމު ސަލާމަތް ކުރުމުގައި އެކޯލިޝަން އަބަދުވެސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިރުޝާދާއިއެކު، ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.




2 Responses
5.million dollar dhevvaafa, dhen suvaalu ufahdhan v nu.
4meehun vegen coaltiin hadhaigen