ޔާރާ ޕްރޮޑަކްޝަން އިން 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ވިޝްކާ" ބައިސްކޯފުން އޮންލައިން ސްޓްރީމްކޮށް ދެއްކުމަށް ނިއްމާފިއެވެ. މިކަން މިހާރު ބައިސްކޯފުން އިއުލާންކޮށްފައިވާއިރު، ފިލްމް ބައިސްކޯފުން ބަލާލެވޭނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
2018 އަހަރު ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އައިޝަތު ރިޝްމީ ހޯދި ފިލްމު "ވިޝްކާ" އަކީ، ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ފާރޫޤް ޑައިރެކްޓް ކުރި ފިލްމެކެވެ. މި ފިލްމްގެ ލީޑު ފިރިހެން ތަރިއަކީވެސް ރަވީ އެވެ.
މި ފިލްމް ސިނަމާއިން ނެގެމަށްފަހުވެސް ފިލްމް އަލުން ބަލާލުމުގެ ފުރުސަތަކަށް ބެލުންތެރިން ދިޔައީ ވަރަށް ބޮޑަށް އެދެމުންނެވެ. އެގޮތުން އޮންލައިން ސްޓްރީމިން ޕްލެްޓްފޯމު ބައިސްކޯފު ތައާރަފް ވުމާއެކު، މިފިލްމް ބައިސްކޯފަށް އަންނާނެ ދުވަހަކަށް އާއްމުން ދިޔައީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.
އިއްޔެގެ ވަގުތެއްގައި ރިޝްމީ ވަނީ، އޭނަގެ އިންސްޓްގަރްމް އެކައުންޓެގައި ބެލުންތެރިންނަށް ވަރަށް ބޮޑު ސްޕްރައިޒެއް އެބޮތްކަން ހާމަކޮށްފައެވެ. އެއާއެކު މިއަދު ދާދިފަހަކުން، ފިލްމް "ވިޝްކާ" ބައިސްކޯފަށް މި މަހުގެ 30 ވަނަ ދުވަހު އަންނާނެކަން ރިޝްމީވެސް ވަނީ އަންގާ ޔަޤީންކޮށްދީފައެވެ.
މި ފިލްމް ބައިސްކޯފުން ދެއްކުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮރޯނާ ވައިރަސްއާއި ގުޅިގެން ގޭގައި މަޑުކުރަން އަންގާފައިވާ މި ވަގުތުގައި އާއްމުން މުނިފޫހި ފިލުވައިދިނުމެވެ.
މި ފިލްމް ވަނީ މިއަހަރު ބޭއްވުނު ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށްވެސް ހޮވިފައެވެ. އަދި މީގެ އިތުރުން އެންމެ މޮޅު ބަޠަލާ އަކަށް ވެސް ހޮވުނީ މި ފިލްމުން އިން އައިޝަތު ރިޝްމީއެވެ. އެ ދެ އެވޯޑާއެކު މުޅި ޖުމްލަ ހަތް އެވޯޑު ވިޝްކާ އިން ވަނީ އުފުލާލާފައެވެ.





ހިޔާލު
hindi neygey kudhin Asigi2 balaalan ranuge furusatheh