މާލެ ތިލަފުށި ލިންކް މަޝްރޫޢު ހިނގާ ސަރަޙައްދުގައި ޑައިވްކުރުމާއި މޫދަށް އެރުން މަނާކޮށް، ކަނޑު ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަންގައިފިއެވެ.
އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވީ، ގްރޭޓާރ މާލެ ކަނެކްޓިވިޓީ . މާލެ ތިލަފުށި ލިންކް މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެ އާއި ވިލިނގިލި ދެމެދުގެ ކަނޑުގެ ސަރަޙައްދުގައާއި ވިލިނގިލީ ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް އެ ސަރަޙައްދުގައި ޚާއްސަ ޕްލެޓްފޯމްތަކެއް ބާއްވައިގެން މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.
އަދި މިމަސައްކަތް ކުރިއަށްގެންދާއިރު ޕްލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަޙައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަޙައްދެއްގައިކަމަށާއި، މިސަރަޙައްދުން ދަތުރުކުރާ އުޅަނދުތައް މިއަދުން ފެށިގެން މި މަސައްކަތް ނިމެންދެން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއްދިނުމަށްވެސް މިނިސްޓްރީގެ މިބަޔާނުގައިވެއެވެ.
މީގެއިތުރުން އެމިނިސްޓްރީއިން ވިދާޅުވީ، މިސަރަޙައްދުގައި ޑައިވްކުރުމާއި މޫދަށް އެރި އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީ މިއަދުން ފެށިގެން މި މަސައްކަތް ނިމެންދެން އެ ސަރަޙައްދަށް ޑައިވްކުރުމާއި އަދި މޫދަށް އެރުމަކީ މަނާކަމެއްކަމަށެވެ.



