ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަދި ހަޑަލްސްފީލްޑް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
މިމޮޅާއެކު ލިވަޕޫލަށް 91 ޕޮއިންޓްވަނީ ލިބިފައެވެ. އާސެނަލް ބަލިނުވެ ލީގު ކާމިޔާބުކުރި 2003-04 ޓީމަށްވެސް މިއަދަދަށް ޕޮއިންޓް ނުހޭދެއެވެ. އަދި 1998-99 ގައި ދެތަށި ކާމިޔާބުކުރި ޔުނައިޓެޑަށްވެސް މިއަދަދަށް ޕޮއިންޓް ހޯދިފައެއް ނުވެއެވެ. ލީގުގައި ލިވަޕޫލަށް ބާކީ އޮތި އެންމެ ދެ މެޗެވެ.
5-0 ގެ ނަތީޖާއަކުން މޮޅުވި މިމެޗުގައި ލިވަޕޫލްގެ މުޙައްމަދު ސަލާޙް މިސީޒަންގައި ޖެހި 20 ވަނަ ލަނޑާއި 21 ވަނަ ލަނޑުވަނީ ފެނިގެން ގޮސްފައެވެ. ލިވަޕޫލަށް ޖުމްލަ 69 ލަނޑު ސަލާޙް ޖަހާދީފައިވާއިރު ލިވަޕޫލަށް ކުޅުނު ފުރަތަމަ 100 މެޗުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ސަލާޙްވެގެން ދިޔައީއެވެ. އަދި ޖައްސަ ޖައްސައިގެން ދެސީޒަނެއްގައި ލިވަޕޫލަށް 20 ލަނޑަށްވުރެ އިތުރަށް ލަނޑުޖަހައިދިން ތިންވަނަ ކުޅުންތެރިއަކަށް ސަލާޙް ވެގެންދިޔައީއެވެ.
ސަލާޙްގެ އިތުރުން ދެސީޒަނެއްގައި ލިވަޕޫލަށް މިއަދަދަށް ލަނޑުޖަހާދީފައިވަނީ ސުއަރޭޒް (2012-13 އަދި 2013-14) އަދި ރޮބީ ފޯލާ (1994-95 އަދި 1005-96) އެވެ.
ސަލާޙްގެ ޕާހަކުން ކެއިޓާ ޖަހައިދިން ލަނޑަކީ ޕްރިމިއާ ލީގުގައި ލިވަޕޫލްއިން އެންމެ އަވަހަށް ޖެހި ލަނޑެވެ. އެލަނޑު ގޯލްގެ ވާތު ތިރީ ކަނަށް ކެއިޓާ ޖަހައިދިނީ މެޗު ފެށިތާ 15 ވަނަ ސިކުންތުގައެވެ.

ލިވަޕޫލްގެ އަނެއް ދެލަނޑު ޖަހާދީފައިވަނީ ސަޑިއޯ މާނޭއެވެ. މާނޭ ލިވަޕޫލް ދަނޑުގައި (އެންފީލްޑްގައި) އެންމެ ފަހުން ކުޅުނު 10 މެޗުން 10 ލަނޑު ޖަހާދީފައިވެއެވެ. މާނޭ މިސީޒަންގައި ލިވަޕޫލަށް 20 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
މިދިޔަ ސީޒަންގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމު ސަލާޙް ހޯދައިފަވަނީ 32 ލަނޑާއެކުގައެވެ. މިސީޒަންގެ މިލިސްޓްގެ އެއްވަނާގައި މިހާރުއޮތީވެސް ސަލާޙްއެވެ. ސަލާޙް ލީގުގައި ޖުމްލަ 21 ލަނޑު ޖަހާފައިވާއިރު ދެވަނާގައި އޮތް މާނޭ ޖަހާފައިވަނީ 20 ލަނޑެވެ. އަދި ސިޓީގެ އަގުއޭރޯ، މިލިސްޓުން ތިންވަނަ ލިބޭނީ 19 ލަނޑު، 8 އެސިސްޓާއެކުގައެވެ. ހަތަރުވަނާގައި އޮތް އާސެނަލްގެ އޮބަމަޔާން 19 ލަނޑު ޖަހާފައިވާއިރު 5 އެސިސްޓްހަދާފައިވެއެވެ. ސިޓީގެ ސްޓާލިން އަދި ޓޮޓޭންހާމްގެ ކޭން 17 ލަނޑު ޖަހާދީފައިވެއެވެ.