ގެދޮރުނެތް މީހުންނަށް އެހީތެރިވާ 'އަބޭ ޕިއާރ ފައުންޑޭޝަން' އަށް ޕީއެސްޖީގެ ތަރި ކީލިއަމް އެމްބާޕޭ ފައިސާގެ ބޮޑު އެހީއެއް ދީފިއެވެ.
'އަބޭ ޕިއާރ ފައުންޑޭޝަން' އަކީ ފްރާންސަށް ނިސްބަތްވާ ފައުންޑޭޝަނެކެވެ. މަޤްސަދަކީ، ހާލުގައި ޖެހި، ވަންނާނެ ގެދޮރެއްނެތް ފަރާތްތަކަށް އެހީވެ، އެމީހުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމެވެ. މިފައުންޑޭޝަން އުފެދިފައިވަނީ 1987 ވަނަ އަހަރުއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެން ގޭގައި މަޑުކުރަން އެދޭއިރު، މިވައިރަހުގެ އެންމެ ބޮޑު ބިރެއް އޮތީ ވަންނާނެ ގެދޮރެއްނެތި ހާލުގައި ޖެހިފައިވާ ފަރާތްތަކަށެވެ.
އެފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ގައުމު މިއަދު މިއޮތް ހާލަތުގައި އެކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިތިބި މީހުންނަށް އުމުރުން 21 އަހަރުގެ އެމްބާޕޭވަނީ ފައިސާގެ ބޮޑު އެހީތެރިކަމެއް ވެދީފައިކަމަށެވެ. އެމްބާޕޭގެ މިއެހީ ބޭނުންކުރެވޭނީ ގެދޮރު ހޯދައިދިނުމުގެ އިތުރުން މިފަދަ މީހުންނަށް ބޭނުންވާ ސިއްޙީ ސާމާނު ހޯދައިދިނުމަށާއި، ފެން ހޯދައިދިނުމަށް ބޭނުންކުރެވޭނެކަމަށް އެފައުންޑޭޝަނުން ބުންޏެވެ.
އެމްބާޕޭގެ ފަރާތުން މިސީޒަންގައިވެސް މޮޅު ކުޅުމެއް މިހާތަނަށް ފެނިގެންގޮސްފައިވާއިރު، މިސީޒަންގެ ފްރެންޗް ލީގު 1 ގައި އޭނާ ކުޅުނު 20 މެޗުން 18 ލަނޑު ޖަހައި 7 އެސިސްޓް ހަދާފައިވެއެވެ. 12 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނާގައެވެ.




