މިވަގުތަކީ ކޮންމެހެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަންޖެހޭ ހާލަތެއް ކަމަށް ނުދެކޭކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވެފައިވަނީ ސިޔާސީ ޝޯ ކުޅުން މުހިންމެއް ނޫން ކަމަށާއި ޖަލްސާތައް އޮންލައިން ކޮށް ބޭއްވުމަކީ ކޮންމެހެން މަޖްލީހުން ނިންމަންޖެހޭ ކަމެއް ނެތް ހިނދެއްގައި ހުސް ބޭކާރު ޚަރަދު ކުރުން ކަމަށެވެ. އަދި މިކަމަކީ ގޮތް ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް އަލްހާން ވަނީ ސިފަ ކުރައްވާފައެވެ.
މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން އިމްތިޔާޒް ފަހުމީއަށް، އަލްހާން ރައްދު ދެއްވުމުން، އެކަން ކަނޑައަޅާނީ މަޖިލިސްއަށް މި ވަގުތު ހޮވިފައި ތިބި މީހުން ނޫންތޯ؟ އިމްތިޔާޒް ވަނީ ސުވާލު ކުރައްވާފައެވެ. އަދި އިންތިޚާބީ ބައެއް އަދާކުރަންޖެހޭ ދަޢުރެއް އެ ޤައުމުގައި ނޯންނަ އިރެއް އަތުވެދާނެތޯ؟ ވެސް އިމްތިޔާސް ފަހުމީ ސުވާލު ކުރައްވާފައިވެއެވެ.
މިކަމާގުޅިގެން އަލްހާން އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނު ހަދާ މަޖްިލިހުން މިފަދަ ސިއްހީ އިމަރޖަންސީގެ ހާލަތެއްގައި ކުރާނެ ޚާއްސަ އެއްވެސް ކަމެއް ނެތްކަމަށާއި، ކޮންމެހެން ދައުލަތް ހިންގުމަކަށް މިވަގުތު މަޖްލިހުގެ ކުއްލި ޖަލްސާއެއް ބާއްވަންޖެހޭ ހާލަތެއް ނެތް ނަމަ އެކަން އިންޓަރނެޓްގެޒަރީޢާއިން ބޭއްވުމުގެއެއްވެސް ބޭނުމެއް އެބައޮތްތޯ؟ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެއަށް ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާން ކުރައްވާފައެވެ. އަދި ދެ ހަފްތާއަށް ސަރުކާރު ބަންދު ކޮށްފައިވާއިރު، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
ރާއްޖޭގައި މިހާތަނަށް 16 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 11 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ. ރާއްޛޭގައި މިހާރު މިބައްޔަށް ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ.




