މުޅި ދުނިޔޭ މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީއަށް މީހުން ވަނުން ދެ މަސް ދުވަހަށް ފަހު އިއްޔެ ހުއްދަކޮށްފިއެވެ.
ވޫހާން އަށް ވަނުން ހުއްދަ ކުރުމާއެކު އެތައް ބަޔަކު އިއްޔެ ވަނީ ވޫހާން އަށް އެތެރެވެފަ އެވެ. ވޫހާން އަށް އެތެރެވުމުގެ ހުއްދަ ދިން ނަމަވެސް ސިޓީން ބޭރަށް ދިއުމުގެ ހުއްދަ އަދިނުދޭއިރު އެ ހުއްދަ ދިނުމަށް ހަމަޖައްސާފައި ވަނީ އެޕްރީލް 8 ވަނަ ދުވަހު އެވެ.
އެގާރަ މިލިއަން މީހުން ދިރިއުޅޭ ވޫހާންގެ މަގުތަކާއި ސަބްވޭ އިއްޔެ ހުޅުވާލާފައިވާއިރު އެތައް ބަޔަކު އިއްޔެ ވަނީ ވޫހާން އަށް އެތެރެވެފަ އެވެ. އިއްޔެއިން ފެށިގެން އެސިޓީއަށް ރޭލު ދަތުރު ކުރެވޭ ގޮތް ހަދާފައި ވުމުން ރޭލް ސްޓޭޝަން އޮތީ ތޮއްޖެހިފަ އެވެ. ވޫހާންއަށް ވަންނަ އެންމެންވެސް އެމީހުންގެ ސިއްހަތު ރަނގަޅުކަން މޮބައިލް އެޕެއް މެދުވެރިކޮށް ޔަގީންކޮށްދޭން ޖެހޭނެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޮރޯނާވައިރަހަށް އެގައުމުން 82،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވާއިރު ވޫހާން ސިޓީން ވަނީ 50،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަހުގެ ސަބަބުން ޗައިނާއިން 3،000 އަށް ވުރެގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭން ގިނަ މީހުން މަރުވީ ހުބެއި ޕްރޮވިންސް އިންނެވެ.
ޗައިނާއަށް ވައިރަސް ޖެހިފައިވާ މީހުން އެތެރެވުން ހުއްޓުވުމުގެ ގޮތުން އެގައުމުން މިހާރު ވަނީ ވިސާ އަދި ޕާމަނަންޓް ރެސިޑެންސް ޕާމިޓް އޮތް ނަމަވެސް ބިދޭސީން ޗައިނާ އަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.



