ރޭ ލަލީގާގައި ބާސާ އަދި ލެވެންޓޭ ބައްދަލުކުރި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެޖެހި ލަނޑާއެކު ބާސާއަށް މިސީޒަންގެ ލަލީގާ ހޯދާ ތަށި ދިފާޢުކޮށްދީފިއެވެ.
މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 62 ވަނަ މިނަޓްގައި ޖަހައިދިނީ ބާސާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ލެވެންޓޭގެ ދެޑިފެންޑަރުންނަށް އޮޅުވާލައި ގޯލްގެ ދުރުކަނަށް މެސީޖެހި މިލަނޑާއެކު މުޅި ކޭމްޕނޯ އެއްއަޑަކުން ގުގުމައިގެން ދިޔައެވެ.
މެޗަށްފަހު ލަލީގާގެ ތަށި ބާސާއާ ޙަވާލުކޮށްދެއްވީ ސްޕެނިޝް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ލުއިސް ރުބިއަލްސްއެވެ. ބާސާގެ ފަރާތުން މިތަށްޓާ ކެޕްޓަން ލިއޮނަލް މެސީ ޙަވާލުވުމާއެކު ދަނޑުގައި ޙަވާއަރުވަން ފެއްޓުނެވެ.
ވޭތުވެ ދިޔަ 11 ސީޒަނުގައި ބާސާއިން 8 ލީގު ތަށި ކާމިޔާބުކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަނުންނަކީވެސް ބާސާއެވެ. ލަލީގާގައި ބާސާގެ ވަރުގަދަކަން މީގެން ހާމަކޮށްދެއެވެ. އަދި ކެޕްޓަން ލިއޮނަލް މެސީ ބާސާއާއެކު 10 ފަހަރު މިލީގު ކާމިޔާބުކޮށްފައިވެއެވެ.
ބާސާއިން ލަލީގާ ކާމިޔާބުކުރި މިއީ 26 ވަނަ ފަހަރެވެ. ވާދަވެރި ރެއަލްމެޑްރިޑް 33 ފަހަރު މިތަށި ކާމިޔާބުކޮށްފައިވާއިރު މެސީއާއެކު ބާސާއިން ދަނީ މިފަރަގު ކުޑަކުރަމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބައިކޮޅަށް ލަނޑެއް ވައްދާނުލައި ލެވެންޓޭއިންވަނީ ބާސާ ހިފަހަށްޓާފައެވެ. ހުރިހާ ޝުކުރެއްވެސް ޙައްޤުވަނީ ލެވެންޓޭގެ ކީޕަރު އައިޓޯރް ފަނަންޑޭޒްއަށެވެ. ފަނަންޑޭޒް ލުއިސް ސުއަރޭޒްގެ ތިން ހަމަލާއެއް ދިފާޢުކުރިއިރު ކުޓީނިއޯގެ ހަތަރު ހަމަލާއެއް ދިފާޢުކުރިއެވެ.
ޖަރުމަނުން ޓީމުން އެއްނަންބަރު ކީޕަރުގެ މަޤާމު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ބާސާގެ ކީޕަރު ސްޓެގެންވަނީ ކޮކޭގެ ނުރައްކާތެރި ހަމަލާއެއް ދިފާޢުކޮށްފައެވެ.
ކުޅުންތެރިން ޖަހާފައިވާ ލަނޑުގެ އަދަދަށް ބަލާއިރު މިސީޒަންގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށްވާނީ މެސީކަމަށް ލަފާކުރެވެއެވެ. އަދި ދެވަނައަށް ވާދަކުރަނީ ސުއަރޭޒް އަދި ބެންޒެމާއެވެ. މެސީ މިސީޒަންގައި ބާސާއަށް 34 ލީގު ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. ސުއަރޭޒް އަދި ބެންޒެމާ ލީގުގައި ޖަހާދީފައިވަނީ 21 ލަނޑެވެ.



