ފުލުހުންނަކީ އޯގާތެރިކަމާއެކު ރައްޔިތުންނާ މުޢާމަލާތު ކުރާ ބަޔަކަށް ވުމަށް ރައީސް އެދިވަޑައިގެންފި

ފުލުހުންނަކީ މިހާރަށް ވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ރައްޔިތުންނާ މުޢާމަލާތު ކުރާ ބަޔަކަށް ވެވަޑައިގަންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިއަދު ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ ކަންކަމާއި ހަވާލުވެ ތިއްބެވި އިސްވެރިންނާއި ހުރިހާ ރޭންކްތަކެއްގެ ފުލުހުންނަށާއި ފުލުހުންގެ ތެރޭގައި ތިއްބެވި އެހެން މުވައްޒަފުންނަށް ވެސް އެމަނިކުފާނުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވަވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ފުލުހުން އެ ބޭފުޅުންގެ މަސައްކަތުގައި އުޅުއްވާއިރު ޤާނޫނުގެ ބާރަށް ވުރެ، އެ ބޭފުޅުންގެ ހިނިތުންވުމާއި އޯގާތެރިކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވެވަޑައިގަންނެވުމަށް ވަނީ އެދިވަޑައިގަންނާވާފައެވެ.

ރައީސް ވިދަޅުވެފައިވަނީ މިއަހަރުގެ ފުލުހުންގެ ދުވަސް މި ބައްދަލުކުރަނީ، ދިވެހި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ޙަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައި ކަމަށާއި ފުލުހުންގެ ޚިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ޙިމާޔަތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުންކަމަށެވެ.

އެގޮތުން ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ރާއްޖެ ރައްކާތެރިކުރުމަށް ކުރާ ޤައުމީ މަސައްކަތުގައި، ނުރައްކަލާ ކުރިމަތިލައްވައިގެން، ކުރީ ސަފަށް ނުކުމެވަޑައިގެން ފުލުހުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެއީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރައްވާ މަސައްކަތެއްކަމުގައި އެމަނިކުފާނު ވަނީ ވިދަޅުވެފައެވެ.

ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވި ފަހުން މިވީ އެންމެ 16 އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަކުރައްވައި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

މި މަސައްކަތް ކާމިޔާބުކުރުމަށް، ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި 5 އަހަރަށް އެކުލަވާލާފައިވާ، އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނަ އިރު، ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް، ފުލުހުންގެ މުއައްސަސާއަށް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ޤާނޫނަކަށް ވުމުން، ފުލުހުންގެ ޚިދުމަތް ހަރުދަނާވެ، ފުލުހުންގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަ ގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު ހޯދައި ދިނުމަށް، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދީ، ޞުލްޙަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖްތަމަޢުގައި ހިންގާ ކުށުގެ އެންމެހައި ޢަމަލުތައް މަދުކުރުމަށް، ފުލުހުން މިހާރަށް ވުރެ މުހިންމު ދައުރެއް އަދާކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ