މެރަޑޯނާއަށްވުރެ މެސީ މޮޅު: ކައްސާނޯ

އާޖެންޓީނާގެ ޑިއޭގޯ މެރަޑޯނާއަށްވުރެ އެގައުމުގެ ލިއޮނަލް މެސީ މޮޅުކަމަށް އިޓަލީގެ ޤައުމީޓީމަށް ކުރިން ކުޅުނު އެންޓޯނިއޯ ކައްސާނޯ ބުނެފިއެވެ.

މެސީއަކީ އާޖެންޓީނާގެ ދެވަނަ މެރަޑޯނާކަމަށް ގިނަ މީހުން ބުނިނަމަވެސް ކައްސާނޯގެ ނަޒަރުގައި މެރަޑޯނާއަށްވުރެ މެސީ މާ މޮޅެވެ.

އިޓަލީގެ ކުޅިވަރު ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވާހަކައްދަމުން ކައްސާނޯ ބުނީ، ދުވަހުކުވެސް ނުދެކޭ ފަދަ މޮޅު ކުޅުމެއް މެރަޑޯނާގެ ފަރާތުން ފެނިފައިވާކަމަށާއި، ނަމަވެސް އެއީ 4 ނުވަތަ 5 އަހަރު ވަންދެއްކަމަށެވެ.

އެހެންނަމަވެސް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހަމަ އެފަދަ މޮޅުކުޅުމެއް ދައްކަމުން އަންނަތާ މިހާރު 15 އަހަރު ވެއްޖެކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން އޭނާ ޤަބޫލުކުރަނީ މެރަޑޯނާއަށް ވުރެ މެސީ މާ ބޮޑަށްވެސް މޮޅުކަމަށެވެ.

"މެސީވަނީ 700 ލަނޑުޖަހައި 300 އެސިސްޓް ހަދާފައި. މެސީ ޓީމުގައި ހިމެނޭނަމަ އެޓީމެއް އޮންނާނީ 1-0 ކުން ކުރީގައި." ކައްސާނޯ ބުންޏެވެ.

އަދި މެރަޑޯނާގެ ސަޕޯޓަރުން އެކަން ޤަބޫލުކުރަން ޖެހޭނެކަމަށްވެސް ކައްސާނޯ ބުންޏެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނަލް މެސީ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ސްޕެއިންގެ ބާސެލޯނާގައެވެ. އާޖެންޓީނާގެ ޤައުމީޓީމާއެކު އޭނާއަށް ހޯދުނު ކާމިޔާބީއަކީ މިދިޔަ އަހަރު ސައުދީއެރޭބިއާގައި ބްރެޒިލް ބަލިކޮށް ކާމިޔާބުކުރި ސުޕަރ ކްލެސިކޯއާއި، 2005 ވަނަ އަހަރު 20 އަހަރުން ދަށުގެ ޤައުމީޓީމާއެކު އުފުލާލި ފީފާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕެވެ.

އެހެންނަމަވެސް މެރަޑޯނާ އާޖެންޓީނާއާއެކު 1979 ވަނަ އަހަރުގެ ފީފާ ވޯލްޑް ޔޫރު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާއިރު، އާޖެންޓީނާއާއެކު 1986 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށިވެސް އުފުލާލާފައެވެ. ސަޕޯޓަރުން މެސީއާއި މެރަޑޯނާ އަޅާކިޔަނީވެސް މިކަމާއި ގުޅުވައިގެންނެވެ. އާޖެންޓީނާއާއެކު މެސީއަށް ވޯލްޑްކަޕްގެ ތަށި އުފުލާލެވިފައިނުވާތީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ