ކްރިސްޓިއާނޯ ރޮނާލްޑޯ - ފޮޓޯ: ޗާލި

ސީރީއާ – ކްލަބް ލެވެލްގައި ރޮނާލްޑޯ ޖެހި 600 ވަނަ ލަނޑާއެކު ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެ

އިޓާލިއަން ސީރީއާގައި ރޭ އިންޓަމިލާން އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ކްލަބް ލެވެލްގައި ރޮނާލްޑޯ ޖެހި 600 ވަނަ ލަނޑާއެކު ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

1-1 ގެ ނަތީޖާއަކުން އެއްވަރު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ އިންޓައިންނެވެ. މިލަނޑަކީ އިންޓަގެ ނައިންގޮލަން 25 ޔާޑު ދުރުގައި ހުރެ ފޮނުވާލި ހިތްގައިމި ވޮލީ އަކުން މެޗުގެ 7 ވަނަ މިނަޓްގައި ކާމިޔާބުކުރި ލަނޑެކެވެ. ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 62 ވަނަ މިނަޓްގައެވެ. ތިރިތިރިން ފޮނުވާލި ރޮނާލްޑޯގެ މިހަމަލާވަނީ ގޯލް ތިރީކަނަށެވެ. ކީޕަރު ހުރީ ހަރަކާތްވެސް ކުރަން ނޭނގިފައެވެ.

ރޭގެ މެޗުގައި ރޮނާލްޑޯޖެހި ލަނޑާއެކު އޭނާ ކްލަބް ކެރިއަރުގައި ޖެހި ލަނޑު 600 އަށް އެރީއެވެ. ރޮނާލްޑޯ ޔުވެންޓަސްއަށް މިހާތަނަށް 27 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. ފުރަތަމަ ކްލަބް ސްޕޯޓިންއަށް ފަސް ލަނޑު ކާމިޔާބުކޮށްދިނެވެ. މެންޗެސްޓާ ޔުނައިޓެޑަށް 118 ލަނޑު އަދި ރެއަލްމެޑްރިޑަށް 450 ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވެއެވެ. ކްލަބްގެ އިތުރުން ޤައުމީ ޓީމުގައިވެސް ލަނޑުޖެހުމުގެ ހުނަރު ދައްކަމުން އަންނަ ރޮނާލްޑޯ ޕޯޗުގަލްއަށް 85 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ލިއޮނަލް މެސީ އޭނާގެ 10 ވަނަ ލަލީގާ ތައްޓާއެކު - ފޮޓޯ: ދަ ގާޑިއަން ނައިޖީރިއާ

ވާދަވެރި މެސީ ރޭ ވަނީ ބަދަލުކުޅުން ތެރިއެއްގެ ގޮތުގައި އަރައި ބާސާއަށް 26 ވަނަ ލަލީގާ ހޯދާދީފައެވެ. ރޭ މެސީ ޖެހިލަނޑާއެކު ކްލަބް ކެރިއަރުގައި މެސީ 598 ލަނޑު ޖަހާފައިވެއެވެ. ރޮނާލްޑޯއާ ހަމަކުރުމަށް މެސީ ބޭނުންވަނީ އެންމެ ދެގޯލެވެ. ރޮނާލްޑޯ 600 ލަނޑު ހަމަކޮށްފައިވަނީ 803 މެޗުންނެވެ. މެސީ 598 ލަނޑު ހަމަކުރީ 682 މެޗުންނެވެ. ކްލަބް ލަނޑުގެ ގޮތުން ރޮނާލްޑޯއާއި އެއްވަރެއްގައި މެސީ ހިފަހައްޓާފައިވަނީ ރޮނާލްޑޯއަށްވުރެ 121 މެޗު މަދުން ކުޅެގެންނެވެ.

މި ދެ ކުޅުންތެރިންނަށް ވުރެ ގިނައިން ކްލަބް ލެވެލްގައި ލަނޑު ޖަހާފައިވަނީ 1120 މެޗުން 1033 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ޕެލޭ އާއި 886 މެޗުން 679 ގޯލް ޖަހާފައިވާ ބްރެޒިލްގެ ރޮމާރިއޯ އާއި 707 މެޗުން 653 ގޯލް ޖަހާފައިވާ ޖަރުމަނުގެ ގާޑް މުލާ އަދި 629 މެޗުން 622 ގޯލް ޖަހާފައިވާ ހަންގޭރީގެ ފްރެންކް ޕުސްކަސް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ