ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ލިސްޓުގެ އެންމެކުރިއަށް އެމެރިކާ އަދި އިޓަލީގެ އިތުރުން ސްޕެއިން އަރައިފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް މިވަނީ ނުކުޅެދިފައެވެ. އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިވައިރަހަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވާ ތިން ގައުމުގެ ތެރޭގައި ހިމެނެނީ އެމެރިކާ އަދި އިޓަލީގެ އިތުރުން ސްޕެއިންއެވެ.
އެމެރިކާއިން 142000 އަށްވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އިޓަލީގެ ނަންބަރު އުޅެނީ 97000 އަށްވުރެ މަތީގައެވެ. އަދި ތިންވަނާގައި އޮތް ސްޕެއިނުން 85100 އަށްވުރެ ގިނަ މީހުން މިވައިރަހަށްވަނީ ޕޮޒިޓިވްވެފައެވެ. މިވައިރަސް ފެނުނު ޗައިނާއިން މިހާތަނަށް މިވައިރަހަށް ޕޮޒިޓިވްވެފައިވަނީ 81470 މީހުންނެވެ.
މިވައިރަހުގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ އިޓަލީއިންނެވެ. އިޓަލީއިން 10500 އަށްވުރެ ގިނަ މީހުން މިވައިރަހުގެ ސަބަބުން މަރުވެފައިވާއިރު، 7340 މަރާއެކު ދެވަނާގައި އޮތީ ސްޕެއިންއެވެ. އަދި ތިންވަނައަށް އެންމެ މަރު ގިނައީ ވަރިސް ފެނުނު ޗައިނާގައެވެ. ޗައިނާއިން މިވައިރަހުގައި 3304 މީހުންވަނީ މަރުވެފައެވެ.
މުޅި ދުނިޔެއަށް ބަލާލާއިރު، 740000 އެއްހާ މީހުންނަށް މިވައިރަސް މިހާރުވަނީ ޖެހިފައެވެ. އަދި މިވައިރަހުގައި 35000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150000 އަށްވުރެ ގިނަ މީހުން މިބަލިން ރަނގަޅުވެސް ވެފައިވެއެވެ.




