ގދ. ތިނަދޫއިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި މީހާގެ ނަތިޖާ ނެގެޓިވް ވެއްޖެއެވެ.
އެރަށު ކައުންސިލް މެންބަރު އަމްޖަދުއާއި ޙަވާލާދީ ވަގުތު ނޫހުގައި ބުނެފައިވަނީ އެ ގެ ހުރީ ކަރަންޓީންކޮށްފައި ކަމަށާއި، ނަމަވެސް އެއިން ކޮވިޑް-19 އަށް ޝައްކު ކުރެވުނު އެ މީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.
އެގޮތުން ގައިޑްލައިން އިންނަގޮތުން ނަތީޖާ ނެގެޓިވްވިޔަސް އަދި ވަކި މުއްދަތެއް ވަންދެން އެގޭގެ މީހުން އެކަހެރިވެ ތިބެން ޖެހޭ ކަމަށް އެރަށު ހޮސްޕިޓަލްގެ މެނޭޖަރ ސައީދު ވިދާޅުވެފައިވާކަމަށް ވަގުތު ނޫހުގައި ބުނެފައިވެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި އެމީހާއަކީ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ އެރަށު މީހެކެވެ. އަދި އެމީހާ ތިނަދޫއަށް އައިސްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
ރާއްޖެއިން މިހާތަނަށް 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި މިހާރު އެބައްޔަށް ފަރުވާ ދެމުންދަނީ 2 މީހުންނަށެވެ. މިބަލިން މިހާތަނަށް 13 މީހަކު ރަނގަޅު ވެފައިވާއިރު، މި ބަލި ޖެހުނު ދެ މީހުން ވަނީ ދަތުރުކޮށް ޤައުމަށް ގޮސްފައެވެ.
މިއަދު މެންދުރުފަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް-19 ޓަސްކްފޯސްގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ، މިވައިރަހާއި ގުޅިގެން ރާއްޖެއިން މިހާތަނަށް 1089 ސާމްޕަލް އެއް ނެގިފައިވާކަމަށާއި، އޭގެ ތެރެއިން ޕްޒިޓިވް ވެފައިވަނީ 17 ސާމްޕަލްއެއްކަމަށެވެ. އަދި 933 ސާމްޕަލް އެއް ނެގެޓިވް ވެފައިވާއިރު، 139 ސާމްޕަލްއެއް ނަތީޖާ ނުލިބި އަދި އެބަހުރި ކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ.




