ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އައިލެންޑް އޭވިއޭޝަންއިން މި ރޯދަމަހު ބޭއްވުމަށް ހަމަޖައްސާފައިވާ ޤުރުއާން މުބާރާތް ފަސްކޮށްފިއެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އައިލެންޑް އޭވިއޭޝަން ޤުރުއާން މުބާރާތް ފަސްކޮށްފައިވާކަމަށާއި އަދި މި މުބާރާތް ބާއްވާނެ ވަކި ތާރީހެއް ޔަގީންވުމުން ފަހުން އިއުލާން ކުރާނެކަމަށެވެ.
އަދި މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ އަޑުއަހައި އެބޭފުޅުންގެ ބަހަށް ކިޔަމަންވެ ގޭގައި ތިބުމަށް މޯލްޑިވިއަންއިން ވަނީ ނަސޭހަތްތެރި ވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 18 މީހަކު ޕޮޒިޓިވެ ވެފައިވާއިރު އޭގެ ތެރޭގައި 3 ދިވެއްސަކު ހިމެނެއެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.



