ހުންގާނު ތާށިވެގެން ރައީސް އޮފީހުގެ މެއިން ގޭޓް ފާރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ހިގާފައިވަނީ، ޝަހީދު ޢަބްދުﷲ ހިނގުމުން ނިކުމެގެން ބޮޑުތަކުރުފަނު މަގަށް އެޅި ލޮރީއެއް ރައީސް އޮފީހުގެ މެއިން ގޭޓު ފާރުގައި ޖެހިކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު 11:07 އެހާކަންހާއިރުއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގައިފައިވާކަމަށް ބެލެވެނީ ލޮރީ ގެ ހުންގާނު ތާށިވެގެން ކަމަށެވެ.
މި އެކްސިޑެންޓް ހިނގިވަގުތު ލޮރީ ދުއްވަން ހުރީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެމީހާއަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ކެޓަގަރީ ނެތްކަން ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އެކްސިޑެންޓްއާއި ގުޅިގެން ލޮރީގެ ވެރިފަރާތް ގެނެވިފައިވާކަމަށާއި، ރައީސް އޮފީހުގެ ފާރުގައި ލޮރީ ޖެހިފައިވާތަނުން ސިމެންތި ކޮޅެއް ނެއްޓިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.



