އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު ދެވަނައިގެ ދަރިކަލުން، އަދި އެގައުމުގެ ވަލީއަހުދު ޕްރިންސް ޗާލްސް ކޮވިޑް-19 އިން މިހާރު ރަނގަޅު ވެފައިވާކަމަށް ޕްރިންސް ޗާލްސްގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.
އުމުރުފުޅުން 71 އަހަރުފުޅުގެ ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮސިޓިވުވެފައިވަނީ މީގެ ހަފުތާއެއް ކުރިންނެވެ. މިބަލިން ޕްރިނސް ޗާލްސް ރަނގަޅުފުޅުވެވަޑައިގަތުމުން އެމަނިކުފާނު ކުރިން ހުންނެވި އެކަހެރިވެ އެކަހެރިވުންވެސްވަނީ ނިންމާލައިފައެވެ.
ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮސިޓިވުވެ ވަޑައިގަތުމުން އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ކެމިލާ ތިއްބެވީ ސްކޮޓްލޭންޑުގައި ހުންނަ ބަލްމޯރަލް ގަނޑުވަރުގައި އަމިއްލައަށް އެކަހެރިވެގެންނެވެ.
ޕްރިންސް ޗާލްސް ކޮވިޑް-19 އިން ރަނގަޅުވެފައި ވީނަމަވެސް އެގައުމުގެ ސަރުކާރުގެ އެންގުމާއި އެއްގޮތަށް ޕްރިނސް ޗާލްސް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނީ އަމިއްލަ ގެކޮޅުގައި ހުންނަވައިގެންނެވެ.
ކޮވިޑް-19 އަށް ޕްރިންސް ޗާލްސްގެ އިތުރުން އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ ޕޮސިޓިވުވެފައެވެ. އަދި ހާލަތު ރަނގަޅުކަމަށް ބޮރިސް ޖޯންސަން މައުލޫމާތު ދެއެވެ.
އިނގިރޭސިވިލާތުން ކޮވިޑް-19 އަށްވަނީ 22،141 މީހުން މިހާތަނަށް ޕޮސިޓިވުވެފައެވެ. އަދި މިބަލީގައި އިނގިރޭސިވިލާތުންވަނީ 1،408 މީހުން މަރުވެފައެވެ.



