ކޮވިޑް-19 އާއި ގުޅިގެން 100 މިލިއަން ޔޫރޯއަށްވުރެ ގެއްލުންވާނެކަމަށް ބާސެލޯނާއިން ހާމަކުރިނަމަވެސް އަންނަ ސީޒަންއަށް ބޭނުންވާ ކުޅުންތެރިން ގެނެވޭނެކަމަށް ކްލަބުގެ ރައީސް ޖޯސެފް ބާޓޮމެއު ބުނެފިއެވެ.
ބާޓަމެއު މިހެން ބުނެފައިވާއިރު، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ފުޓްބޯޅަ މެދުކަނޑާލާފާއިވާއިރު އެކަމުގެ ސަބަބުން ބާސެލޯނާއަށް 100 މިލިއަނަށް ޔޫރޯގެ ގެއްލުންވާނެކަމަށް ރިޕޯރޓްތައް ބުނެއެވެ. އަދި މިގެއްލުމުގެ އަސަރު ކުޑަކުރުމަށް ބާސެލޯނާއިންވަނީ ކްލަބުގެ ސީނިއާ ކުޅުންތެރިންގެ މުސާރައިން %70 އުނިކުރަން ނިންމާފައެވެ. ބާސެލޯނާއިން މިގޮތަށް ނިންމާފައިވަނީ އެކްލަބުގައި މަސައްކަތްކުރާ މުސާރަ ކުޑަ ސްޓާފުންގެ މުސާރައިން އެއްވެސް ބައެއް އުނިނުކޮށް ހަމައަށް ދެވޭނެގޮތް ހެދުމަށެވެ.
ކުޅުންތެރިންގެ މުސާރައިން އެހާ ބޮޑު ބައެއް އުނިކުރަން ނިންމާފައިވަނީ ބާސެލޯނާގެ ކުޅުންތެރިން އިސްނަގައިގެން އެކަމަށް އެދިގެންނެވެ.
އެހެންނަމަވެސް ބާސެލޯނާގެ ރައީސް ބުނީ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރ އެރިކް އަބީޑާލްއާއި އޭނާގެ އެސިސްޓް ވެގެން އަންނަ ސީޒަނަށް ތައްޔާރުވުމަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިހާލަތުގައި އިތުރު ކުޅުންތެރިން ގެންނަށް ބާސެލޯނާގެ ކުޅުންތެރިން ބަދަލުކުރުން ވަރަށް ގާތެވެ. އެގޮތުން ވިޑާލްއާއި ސަމޭޑޯ ބަދަލުކުރަން އުޅޭކަމަށް މީގެކުރިންވެސް ވަނީ އަޑު ފެތުރިފައެވެ.
ރިޕޯރޓްތައް ބުނާގޮތުން މިދެކުޅުންތެރިންގެ ބަދަލުގައި ބާސެލޯނާއިން ބޭނުންވަނީ އިންޓަރމިލާންއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލޮޓާރޯ މާޓިނޭޒްއެވެ.
ބާސެލޯނާ އޮތީ ނުރައްކާ ޙާލަތެއްގައި ނޫންކަމަށާއި، ލީގުތައް މެދު ކަނޑާލާފައި ވީނަމަވެސް އާމްދަނީ ހޯދޭނޭ އިތުރު ގޮތްތައް ކްލަބުގައި އެބަހުރިކަމަށް ބާޓަމެއުވަނީ ބުނެފައެވެ.



