މާދަމާއިން ފެށިގެން ކޮންމެ ދުވަހަކުވެސް 3 ގަޑިއިރަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި 3 ގަޑިއަރަށް ކާފިއު ހިންގުމަށް ސަރުކާރުން ނިންމައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ފަތިހު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ވަކި ގޮތެއް އަންގަންދެން މާދަމާއިން ފެށިގެން ހަވީރު 17:00 އިން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ.
ހަވީރު 17:00 އިން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުން ހުއްޓާލުމަށާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމާއި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީގެ ހިދުމަތް) ހުއްޓާލުމަށް މި ބަޔާނުގައި ވަނީ އަންގާފައެވެ.
މިފަދަ ނިންމެވުމެއް ނިންމެވިއިރު، މާލޭ ސިޓީގެ މަގުތަކަށް ބޭނުމެއް ނެތްގޮތުގައި ނިކުމެ އުޅޭ ފަރާތްތައް ހުއްޓުވައި ފުލުހުން ސުވާލުކޮށް ގޭގައި ތިބުމަށް ނަސޭހަތްތެރިވާތާ ދުވަސްތަކެއް ވެއްޖެއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 18 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅު ވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.
މި ބައްޔަށް ދުނިޔެއިން 859,031 މީހުން ޕޮޒިޓިވް ވެފައިވާއިރު، 178,100 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. ހަމައެއާއެކު 42,322 މީހުން ވަނީ ކޮވިޑް-19 ގައި މަރުވެފައެވެ.



