އދ. ފެންފުށީ ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފެންފުށީ ކޮންސްޓްރަކްޝަން ސައިޓަކުން ދަގަނޑު ހޮޅިތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް 2020 މާރިޗު 31 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
"މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 09:30 ހާއިރު 32 އަހަރާއި، 34 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން ސައިޓުން ވަގަށް ނެގި ދަގަނޑު ހޮޅިތައް ހޯދުމަށްފަހު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




