ޕްރިމިއާ ލީގުގައި މިރޭ ލެއިސެސްޓާ އަދި އާސެނަލް ބައްދަލުކުރި މެޗުން ބަލިވެ ގަދަ ހަތަރަކަށް އާސެނަލް ކުރާ އުއްމީދު ކުޑަވެއްޖެއެވެ.
66 ޕޮއިންޓާއެކު އާސެނަލްއަށް ތާވަލުގެ ފަސްވަނަ ލިބޭއިރު ލީގުގައި ބާކީ ދެންއޮތީ އެންމެ ދެމެޗެވެ.
0-3 ގެ ނަތީޖާއަކުން ބަލިވި މިމެޗުގައި މެޗުގެ ބޮޑުބައި އާސެނަލް ފުރިހަމަކޮށްފައިވަނީ 10 ކުޅުންތެރިންނާއެކުގައެވެ. އާސެނަލްގެ މެއިޓްލޭންޑް ދެއްކި ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލީ މެޗުގެ 36 ވަނަ މިނަޓްގައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ލެއިސެސްޓާގެ ފުރަތަމަ ލަނޑު މެޗުގެ 59 ވަނަ މިނަޓްގައި ޖަހައިދިނީ ޓިއެލެމަންސްއެވެ. ލެއިސެސްޓާގެ އަނެއް ދެލަނޑު އެޓީމަށް ޖަހައިދިނީ ވާޑީއެވެ. މެޗުގެ ފަހު މިނަޓްގެ ކޮޅުގައި ޖެހި މިދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑުޖެހީ މެޗުގެ 86 ވަނަ މިނަޓްގައެވެ. އަދި ދެވަނަ ލަނޑުގެ ފެނިގެންފިޔައީ މެޗުގެ 90 މިނަޓް ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރެއިން ފަސްވަނަ މިނަޓްގައެވެ. އުމުރުން 32 އަހަރުގެ ވާޑީ މިސީޒަންގައި ލެއިސެސްޓާއަށް 18 ލީގު ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މިމޮޅާއެކު 2015-16 ގެ ޗެމްޕިއަން ލެއިސެސްޓާއަށް ތާވަލުގެ 8 ވަނަ ލިބެނީ 51 ޕޮއިންޓާއެކުގައެވެ.
މެޗުގައި ލެއިސެސްޓާގެ އުމުރުން 21 އަހަރުގެ ޓިއެލެމަންސްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންއިޔައިރު އޭނާގެ ސޮއި ހޯދާ ލެއިސެސްޓާގައި ދާޢިމީކުރުމަށް ސަޕޯޓަރުން ދިޔައީ ގޮވަމުންނެވެ. ލޯނެއްގެ ދަށުން މޮނާކޯއިން ޓިއެލެމަންސް ލެއިސެސްޓާއާ ގުޅުނީ ޖެނުއަރީމަހުއެވެ.
ޓިއެލެމަންސް އެންމެ ފަހުން ކުޅުނު ނުވަ ލީގު މެޗުގައި ލެއިސެސްޓާއަށް ހަތް ލަނޑު ޖެހުމުގައި ބައިވެރިވެފައިވެއެވެ. 3 ލަނޑު ޖަހައި އިތުރު 4 ލަނޑު ޖެހުމަށް އެހީތެރިވެދިނެވެ.
މެޗުން ބަލިވި އެންމެ ބޮޑު ސަބަބަކީ ދެއްކި ރަތްކާޑު ކަމަށް މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލް ކޯޗު އުނައިވަނީ ބުނެފައެވެ.