ރޮނާލްޑޯގެ ބަދަލުގައި ކަކާ ނެގީ މެސީ

ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނަލްސް މެސީ މިދެކުޅުންތެރިންގެ ތެރެއިން މޮޅު ކުޅުންތެރިޔަކާދެމެދު ކުރެވޭ ބަހުސްގެ ތެރެއިން ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅުނު ކަކާ ރޮނާލްޑޯގެ ބަދަލުގައި މެސީ ނަގައިފިއެވެ.

ރޮނާލްޑޯއާއެކު ކަކާ ރެއަލްމެޑްރިޑްގައި ދުވަސްކޮޅެއް ހޭދަކޮށްފައިވީނަމަވެސް ކަކާއަށް ރޮނާލްޑޯއަށްވުރެ މެސީ ކަމުދެއެވެ.

"އަހަރެން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ކުޅުނިން. އޭނާއަކީ މޮޅު ކުޅުންތެރިއެއް. އެކަމުވެސް އަހަރެން ނަގާނީ މެސީ." ކަކާ ބުންޏެވެ.

ކަކާ ބުނީ، މެސީއަކީ އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެއްކަމަށާއި، މެސީގެ ކުޅުމަކީ ޙައިރާންވާފަދަ ކުޅުމެއްކަމަށެވެ.

މީގެއިތުރުން ރޮނާލްޑޯއާއި ތަޢުރީފުކޮށް ވާހަކަ ދައްކަމުން ކަކާ ބުނީ، ރޮނާލްޑޯއަކީ މެޝިނެއްކަމަށެވެ. ރޮނާލްޑޯއަކީ ބާރުގަދަ އަވަސް ކުޅުންތެރިއެއްގެ އިތުރުން މެންޓަލީވެސް ވަރުގަދަ ކުޅުންތެރިއެއްކަމަށެވެ. އެގޮތުގައި ހިފަހައްޓާލުމަށް ރޮނާލްޑޯ ވަރަށް ބުރަ މަސައްކަތްކުރާކަމަށާއި، ކަކާއަށް ރޮނާލްޑޯގެ އެންމެ ކަމުދާ ސިފައަކީ އެއީކަމަށްވެސް ބުންޏެވެ.

އަދި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓްގެ ގަދަ 5 ވަނާގައި ރޮނާލްޑޯއާއި މެސީ ހިމެނޭނެކަމަށާއި، މިދެކުޅުންތެރިންގެ މޮޅު ކުޅުން އަހަރެމެންނަށް ފެނުމަކީ ލިބުނު ނަޞީބެއްކަމަށްވެސް ކަކާ ބުންޏެވެ.

އޭސީ މިލާންގައާއި ރެއަލްމެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަކާވަނީ 2002 ވަނަ އަހަރު ބްރެޒިލްއާއެކު ވޯލްޑްކަޕް ތަށި ކާމިޔާބުކޮށްފައެވެ. އަދި 2007 ވަނަ އަހަރު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް (ބެލޮންޑިއޯ އެވޯޑް) ވެސް ކަކާ ހޯދާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ