ޕްރިމިއާލީގުގައި ރޭ ޔުނައިޓެޑް އަދި ޗެލްސީ ބައްދަލުކުރި މެޗުގައި ޔުނައިޓެޑްގެ ކީޕަރު ޑެހެއާއަށް ހެދުނު ގޯހަކުން މެޗު އެއްވަރުވެ ޗެލްސީއަށް ގަދަ 4 ގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެން ހިނގައެއްޖެއެވެ.
އަދި މިޑްރޯއާއެކު ޗެމްޕިއަންސް ލީގަށް ޔުނައިޓެޑުން ކުރަމުން އަންނަ އުންމީދު ފަނޑުވެއްޖެއެވެ. ލީގުގައި ބާކީ ދެމެޗު އޮތްއިރު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ޔުނައިޓެޑް އަތުގައި އަމިއްލަ ބާރެއް ނެތެވެ.
1-1 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗުގައި ފެނުނު ދެލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖެހީ ޔުނައިޓެޑުންނެވެ. ކުރިން ޗެލްސީއަށް ކުޅުނު މާޓާގެ މިލަނޑު ފެނިގެންދިޔައީ 11 ވަނަ މިނަޓްގައެވެ. އަދި ޑެހެއާއަށް ހެދުނު ގޯހެއްގެ ފައިދާނަގާ ޗެލްސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 43 ވަނަ މިނަޓްގައެވެ. 30 ޔާޑު ދުރުން ޗެލްސޫގެ ރުޑިގާ ފޮނުވާލި ހަމަލާ ޑެހެއާ ނަގަން އުޅުމުގެ ތެރޭގައި ވެއްޓުނީ ބޯޅައަށް އެރި އަލޮންސޯއަށެވެ. ގޯލް އަރިމަތިން ލިބުނު ހަނި އޭންގަލްގައި ޑެހެއާ ކައިރިން ނައްޓާލައި އަލޮންސޯޖެހި މިލަނޑުން އޭނާގެ ހުނަރު ފެނިގެންދިޔައެވެ.
އެހެން ނަމަވެސް މެޗުގެ ފަހުކޮޅު ޗެލްސީގެ އިގުއައިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޑެހެއާވަނީ ދިފާޢުކޮށްފައެވެ.

ވާދަވެރި މިމެޗުގައި ދެޓީމަށްވެސްވަނީ އަނިޔާއާ ކުރިމަތިވެފައެވެ. ޗެލްސީގެ ރުޑިގާއަށް އަނިޔާވެ ދަނޑުން ފޭބިއިރު ޔުނައިޓެޑްގެ ބެއިލީ އަދި ރަޝްފޯޑުވެސްވަނީ އަނިޔާވެ ދަނޑުން ފައިބާފައެވެ.
ޑެހެއާގެ ފޯމާއި ބެހޭގޮތުން ސުވާލުކުރުމުން ޔުނައިޓެޑްގެ ސޯލްޝެއާވަނީ މެޗުގެ ކުރިން ޑެހެއާ ދިފާޢުކޮށް ވާހަކަ ދައްކާފައެވެ. 24 ފެބްރުއަރީގައި އެއްވަރުވި ލިވަޕޫލް މެޗުގެ ފަހުން ޑެހެއާ ކޮޅަށް ލަނޑެއް ނުވަދެ މެޗެއް ނިންމާލެވިފައެއް ނުވެއެވެ.
މިމެޗުން ލިބުނު 1 ޕޮއިންޓާއެކު ޖުމްލަ 68 ޕޮއިންޓް ލިބިގެން ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އަދި ހަވަނާގައި ޔުނައިޓެޑް އޮތީ 65 ޕޮއިންޓާއެކުގައެވެ. އާސެނަލްއަށް ފަސްވަނަ ލިބެނީ ލިބުނު 66 ޕޮއިންޓާއެކުގައެވެ. ލީގުގައި ބާކީ 2 މެޗު އޮތްއިރު މިދެމެޗަކީވެސް ހުރިހާ ޓީމަކަށްވެސް ވަރަށް މުހިންމު ދެމެޗެވެ.