ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ޗައިނާގައި ހަމަހިމޭން ކަމުގެ ސުކޫތެއް

ކޮވިޑް-19 ޖެހިގެން ޗައިނާއިން މަރުވި މީހުންގެ ހަނދާނުގައި އެގައުމުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ.

މިގޮތުން ތިން މިނެއްޓުގެ ދިގުމިނަށް ޗައިނާ ގަޑިން މިއަދު 10:00 ގައި ގެނަ މި ހަމަހިމޭންކަމުގެ ސުކޫތުގައި މުޅި އެގައުމުގެ ހުރިހާ ސަރަހައްދަކުން ބައިވެރިވެފައި ވެއެވެ. އަދި މިވަގުތުގެ ތެރޭގައި ޗައިނާ ދިދަވެސްވަނީ ބައިދަނޑިއަށް ތިރި ކޮށްފައެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު އަދިވެސް ފެތުރެމުންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިރޯގާގައި ޗައިނާއިންވަނީ 3,326 މީހުން މަރުވެފައެވެ.

ޗައިނާއިން މިއަދު ފާހަގަކުރި ހަމަހިމޭންކަމުގެ ސުކޫތުގައި ތިން މިނެއްޓަށް ވޫހާން ސިޓީގެ އެންމެހާ ޓުރެފިކް ލައިޓެއް ރަތް ކުލައަށް ބަދަލުކޮށް ވެހިކަލްތައްވެސްވަނީ ދުއްވުން ހުއްޓުވައިފައެވެ.

ޗައިނާ ސަރުކާރުން ބުނެފައިވަނީ މިއަދު ފާހަގަކުރި ހަމަހިމޭންކަމުގެ ސުކޫތަކީ މިބައްޔާއި ދެކޮޅަށް ހަނގުރާމަކޮށް ޗައިނާއިން މަރުވި 14 ސިއްހީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމެއްވެސް ކަމަށެވެ.

ކޮވިޑް-19 އަށް މުޅި ދުނިޔެއިން 181 ގައުމަކުން މިހާތަނަށްވަނީ މިލިއަނަކަށްވުރެ ގިނަ މީހުން ޕޮސިޓިވުވެފައެވެ. އަދި މިބަލީގައި 62،730 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ