ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އޮގަސްޓް ތިނެއްގެ ނިޔަލަށް ނުނިމިއްޖެނަމަ ކެންސަލް ކުރަނީ!

ކޮވިޑް-19 އާއި ގުޅިގެން މިހާރު މެދުކަނޑާލާފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ސީޒަން މިއަހަރުގެ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ކުރީން ނިންމާލަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ސީޒަން ކެންސަލުކޮށްލަން ޖެހިދާނެކަމަށް ޔުއެފާއިން ބުނެފިއެވެ.

ޔޫރަޕްގައި ކޮރޯނާ ވައިރަސް ފެތުރުން އިތުރުވެ މި ދެ މުބާރާތުގެ ކުޅުން މެދުކަނޑާލާފައިވަނީ ގަދަ ސޯޅައިގެ ފުރަތަމަ ލެގު މެޗުތަކާ ހިސާބުންނެވެ. ޔޫއެފާގެ މުބާރާތުގެ ޑެޑްލައިން ދީފައިވާއިރު ލީގު ޕްލޭ އޮފް އަކީވެސް އޮތް ހިޔާލެއް ކަމަށް ޔުއެފާގެ ރައީސް އަލެކްސެންދާ ޗުފަރީން ވިދާޅުވިއެވެ. އެގޮތުން އަންނަ ސީޒަން ފެށުމުގެ ކުރިން މިސީޒަންގެ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ފުރިހަމަ ކުރުމަށްޓަކައި މި ދެ މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް ދެ ލެގުގެ ބަދަލުގައި ނިއުޓްރަލް ދަނޑެެއްގައި އެއް ލެގު ކުޅެގެން މުބާރާތް އަވަހަށް ނިންމާލުމަކީ ވެސް އޮޕްޝަނެއް ކަމަށް ވިދާޅުވިއެވެ.

ޗުފަރީން ވިދާޅުވީ މިވަގުތު އެޅޭނެ ހަމައެކަނި ގޯސް ފިޔަވަޅަކީ ކުޅުންތެރިންގެ ރައްކާތެރިކަމާއި ސަލާމަތައް ގެއްލުން ވާނެ ގޮތައް ކަމެއް ކުރުންކަމަށެވެ.

މެދުކަނޑާލާފައިވާ ފުޓްބޯޅަ ހަރަކާތްތައް އަލުން ފެށޭނެ ސީދާ ތާރީޚެއް މިހާތަނަށް ކަނޑައެޅިފައިނުވާއިރު، މިސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނާކަށް ނޭނގެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ