އަރަބި ގައުމަކުން ލީބިޔާގެ ޓްރިޕޮލީ އަށް ބޮންއަޅައިފި

ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކުން ވެރިރަށް ޓްރިޕޮލީ ހިފުުމަށް ކުރާ ހަނގުރާމައިގާ އެންމެފަހުން ދިން ވައިގެން ޙަމަލާތަކުގައި އަރަބި ގައުމެއްގެ ފައިޓާޖެޓްތައް ބައިވެރިވި ކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެފިއެވެ.

ޓްރިޕޮލީގައި ވެރިކަންކުރާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދާހިލީ ވަޒީރު ފަތްޙީ ބާޝާޣާ ވިދާޅުވީ ހަފްތަރުގެ ބާރުތަކުން ދިން ވައިގެ ހަމަލާތަކުގައި އަރަބި ގައުމެއްގެ ފައިޓާޖެޓްތައް ބައިވެރިވި ކަމުގެ ހެކިތައް އދ. އަށް ފޯރުކޮށްދޭނެކަމަށާއި އެކަމުގެ ތަހްގީގުތަކުގައި ބައިވެރިވުމުގެ ފުރުސަތު އދ. އަށް ދޭނެކަމަށެވެ.

ބާރުގެ ބޭނުންކޮށްގެން ޓްރިޕޮލީ ހިފުމަށް ޖެނެރަލް ހަފްތަރުގެ ބާރުތަކުން ފަށާފައިވާ ހަނގުރާމައަށް ވާގިވެރިވާ ކަމުގެ ތުހުމަތު ކުރެވެނީ އޭނާއަށް ތާއީދުކުރާ އަރަބި ތިންގައުމު ކަމަށްވާ މިސްރު ޔޫއޭއީ އަދި ސައޫދީ އަރަބިޔާއަށެވެ. މީގެތެރެއިން ޔޫއޭއީ އާއި ސައޫދީ އަކީ ޔަމަންގައިވެސް ހަނގުރާމަކުރަ ދެގައުމެވެ.

މިފަހަރު ޓްރިޕޮލީއަށް ބޮންއެޅީ އަރަބި ކޮންގައުމަކުންކަން ވަތީނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެފައެއް ނުވެ އެވެ. މި ހަމަލާތަކުގައި ހަތަރު މީހުން މަރުވެ 24 މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުންޏެވެ. ހަމަލާތައް އަމާޒުކުރީ އަބޫސަލީމް ސިޓީއާއި ޓްރިޕޮލީގެ ވަށައިގެންވާ މަދަނީ ބައެއްތަންތަނަށް ކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދާހިލީ ވަޒީރު ވިދާޅުވި އެވެ.

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި ޖެނެރަލް ހަލީފާ ހަފްތަރުގެ ބާރުތަކުން ވެރިރަށް ޓްރިޕޮލީ ހިފުމަށް މަސައްކަތް ކުރަނީ ލީބިޔާގެ ވެރިކަމަށް އައުމަށް އޭނާ ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުންނެވެ.

ޓްރިޕޮލީ ހިފުމަށް މި އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ހަފްތަރު ގެ ބާރުތަކުން ފެށި ހަނގުރާމައިގާ މިހާތަނަށް ލީބިޔާގެ 270 އަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު އެތަށް ސަތޭކަ ބަޔަކު ޒަހަމްވެފައިވެއެވެ. އަދި ހަނގުރާމައިގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި ޓްރިޕޮލީގެ އާންމުންގެ އެތަށް ހާސްބަޔަކު ގެންދަނީ ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ލީބިޔާގެ ރައްކާތެރި ތަންތަނަށް ހިޖްރަކުރަމުންނެވެ.

ލީބިޔާގެ ވަތަނީ އެއްބައިވަންތަކުގެ ސަރުކާރަށް ވާގިވެރިވަނީ ގަތަރާއި ތުރުކީންނެވެ. އެދެގައުމުންވަނީ ހަފްތަރުގެ ބާރުތަކުން ޓްރިޕޮލީއަށް ދިން ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ