ކުރިއަށް އޮތް ސީޒަންގައި ޗެލްސީ ދޫކޮށްލާނެކަން އެކްލަބަށް ކުޅޭ ބްރެޒިލްގެ ތަރި ވިލިއަން ކަށަވަރުކޮށްދީފިއެވެ.
ވިލިއަން ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން 30 އަށް ހަމަވާނެއެވެ. އަދި ކުރިއަށްއޮތް 2020-21 ސީޒަންގައި ޗެލްސީގައި މަޑުނުކުރާނެކަމަށް އޭނާވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާރު މެދުކަނޑާލާފައިވާ ޕްރިމިއާ ލީގު ނިމެންދެން ވިލިއަންގެ އެއްބަސްވުން ދިގުކޮށްލުން ވަރަށް ގާތެވެ.
ފޮކްސް ސްޕޯޓްސްއަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ވިލިއަން ބުނީ، އޭނާ ޗެލްސީއާއެކު ހަދާފާވާ އެއްބަސްވުން ނިމުމަކަށް އަންނަކަށް އެންމެންނަށްވެސް އެނގޭކަމަށާއި، އެއްބަސްވުން އާކުރަން ވަރަށް އުނދަގޫކަމަށެވެ. ޗެލްސީގައި ކުރިއަށް އޮތް 3 ސީޒަންގައި މަޑުކުރަން ބޭނުންވި ނަމަވެސް ކްލަބުން ހުށަހަޅާފައިވަނީ 2 އަހަރުގެ އެއްބަސްވުމެއްކަމަށްވެސް ވިލިއަން ބުންޏެވެ.
ރަޝިއާގެ އަންޒީ ދޫކޮށް ވިލިއަން 2013 ވަނަ އަހަރުގެ އޮގަސްޓްމަހު ޗެލްސީއާއި ގުޅުނީ 35 މިލިއަން ޔޫރޯއަށެވެ. ޕްރިމިއާ ލީގުގެ މިސީޒަންގައި ކުޅުނު 28 މެޗުން ވިލިއަންވަނީ 5 ލަނޑުޖަހާ 5 އެސިސްޓް ހަދާފައެވެ.
އުމުރުން 31 އަހަރުގެ ވިލިއަން ހޯދުމުގައި އެންމެ ގަދަޔަށް މަސައްކަތް ކުރަނީ ސްޕެއިންގެ ބާސެލޯނާއިންނެވެ. އަނެއްކޮޅުން މިވަގުތު މާލީ ދަތިކަން ދިމާވެފައިވާ ބާސެލޯނާއަށް، އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާގެ ދަށުން ވިލިއަން ގެނެވުމަކީ ލިބޭނެ ފައިދާއެކެވެ.



