ފެންފުށި ކޮންސްޓްރަކްޝަން ސައިޓުން ވައްކަށްކުރި މައްސަލާގައި ދެމީހަކު ޙައްޔަރުކޮށްފި

އަދ. ފެންފުށި ކޮންސްޓްރަކްޝަން ސައިޓުން ވައްކަށްކުރި މައްސަލާގައި ދެމީހަކު ޙައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އދ. ފެންފުށި ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަންކޮށްފައިވާ މައްސަލައެއް 2020 އޭޕްރީލް 03 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ސީންއަށް ގޮސް ބެލިބެލުމުން އެތަނުން ވަގަށް ގެންގޮސްފައިވަނީ 04 ކުޑަދޮރާއި 06 ބަސްތާ ސިމެންތި އަދި 15 ދަގަނޑު ހޮޅިކަން އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލައާއި ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަޙުޤީޤުގައި ވަގަށްނެގިކަމަށް ބެލެވޭ ތަކެތީގެތެރެއިން 04 ކުޑަދޮރާއި 04 ބަސްތާ ސިމެންތި މީހަކަށް ވިއްކާލާފައިވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ހޯދާ ވެރިފަރާތާއި ޙަވާލުކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން 02 ދަގަނޑު ހޮޅި ހޯދާ އެދެހޮޅިވެސް ވެރިފަރާތާއި ޙަވާލުކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން އުމުރުން 27 އަހަރާއި 35 އަހަރުގެ ދިވެހި ދެފިރެހެނުން ޙައްޔަރުކުރެވިފައިވާކަމަށެވެ. 05 އޭޕްރީލް 2020 ވަނަ ދުވަހު ޙައްޔަރުކުރެވުނު މިދެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަވަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ