ކޮވިޑް-19 ގެ ތަފާސް ހިސާބުތައް ބަލަހައްޓަން ފެށި ފަހުން މި ވައިރަހުގައި ޗައިނާ އިން މީހަކު މަރުނުވާ ހަމައެކަނި ދުވަހަކީ އިއްޔެ ކަމަށް އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނެފި އެވެ.
2019 ވަނަ އަހަރުގެ ޑިސެންބަރު 30 ވަނަދުވަހު ޗައިނާގެ ވޫހާން ސިޓީ އިން ފެނުނު ނުރައްކާތެރި ކޯވިޑް-19 އަށް ޕޮސިޓިވް ވާ މީހުންގެ އަދަދު އެގައުމުގައި މާޗުމަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ.
ކޮވިޑް-19 ގައި ޗައިނާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެފައި ވަނީ ޖެނުއަރީ 11 ގަ އެވެ. ޗައިނާ އިން އިއްޔެ އަލަށް ރިޕޯޓްކޮށްފައި ވަނީ ކޮވިޑް-19 ގެ 32 ކޭސް ކަމަށާއި، އެއީ މުޅިން ވެސް ގައުމުން ބޭރުން އައި މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާގައި މިހާތަނަށް ކޯވިޑް-19 އަށް 81،740 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިބަލީގައި ޗައިނާއިން މިހާތަނަށް 3،331 މީހަކު މަރުވެފައިވާއިރު، 77،167 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.
މުޅި ދުނިޔެ އިން މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވް ވެފައި ވާއިރު، 74،000 ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.




