ޗެނަލް 13ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަސޭޙަތްތެރިވެ، އެ ޗެނަލަށް ސިޓީ ފޮނުވައިފިއެވެ.
އެގޮތުން އެކޮމިޝަނުން ފޮނުވި ސިޓީގައި ވިދާޅުވީ، ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ޚާއްސަކޮށް ޗެނަލް 13އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަމަށް މި ކޮމިޝަނަށް ފާހަގަކުރެވި އަދި މީސްމީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް މިކަން އައިސްފައިވާކަމަށެވެ.
"ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބާރުއަޅައި އެކަމަށް އިސްކަންދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އަދި ބްރޯޑްކާސްޓްކުރާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް އެދި ނަސޭޙަތްތެރިވަމެވެ." އެކޮމިޝަމްގެ ސިޓީގައި ވެއެވެ.
އަދި މި މިންގަނޑާ ޚިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، މި ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމަށްވެސް މިސިޓީގައި ބަޔާންކޮށްފައިވެއެވެ.




